Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޓާމިނަލް ޓީއެމްއޭއަށް ދިނުމެކޭ ޖީއެމްއާރަށް އެއާޕޯޓް ދިނުމެކޭ ތަފާތެއް ނެތް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ ހިންގުން ޓީއެމްއޭއަށް ދިނުމެކޭ ޖީއެމްއާރަށް ވެލާނާ އެއާޕޯޓް ދިނުމެކޭ ތަފާތެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ފަރާތްތަކަށް ބައިއެޅޭ ގޮތަށް ކަމަށާއި މިއީ ނުރައްކާތެރި އަދި މިކަމުގެ އާހިރު ނަތީޖާ ވެސް ވަރަށް ހިތިވާނެ ކަމަށެވެ.

"ސީޕްލޭން ޓާމިނަލް މިހާރު އެދޭން އުޅޭ ބަޔަކަށް ދިނުމެކޭ، ޖީއެމްއާރަށް އެއާޕޯޓު ދިނުމެކޭ ކޮބައިތޯ ތަފާތެއް. ހަމަ އެއްވެސް ތަފާތެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން މިއަދު ވަނީ ބުނެފައެވެ.

ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެއެވެ. އެމްއޭސީއެލުން ކުރިން އެއްބަސްވެފައި ވަނީ ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ ސައިޒަށް ވުރެ ބޮޑު އަދަދަކަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ޓީއެމްއޭއިން މިހާރު ވެސް އޮޕަރޭޓު ކުރަމުންދާ ޓާމިނަލްއާ އެއް ސައިޒެއްގެ ސަރަހައްދެއް އާ ޓާމިނަލުން ދިނުމަށެވެ.

އެކަމާ ގުޅިގެން ޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބަކީ ވެސް އާ ޓާމިނަލް ޓީއެމްއޭއަށް ދެވޭނެ ގޮތުގެ އެއްބަސްވުމެއް އޮތުމުން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރަން ފުރުސަތު އޮތްކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަނުގެ ހަރަދުތައް ސާފުކޮށް އެނގިގެންދިޔަ ކަމަށާއި ލިޔުމުން ވެފައިވާ މި އެއްބަސްވުން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފިނަމަ ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ޓީއެމްއޭ އިން ބުނެއެވެ.

އަދި މީގެ ސަބަބުން ކުރި އަށް އޮތް ތަނުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ތިބި ބޭރުގެ އިންވެސްޓަރުން ކަންބޮޑު ވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.