Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޤުރުޢާނުން އިމްތިޙާނު ދިނުން ފަސްކޮށްފި

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޤުރުޢާނުން އިމްތިޙާނު ދިނުން ފަސްކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލަކަށް ފޮނުވާފައިވާ ސާކިއުލާގައި ވަނީ ޤައުމީ މަންހަޖެއް ތަންފީޒްކުރުމަކީ ވަކި އުސޫލަކުން ކުރާކަމެއްކަމަށާއި، މަންހަޖު ފުރިހަމައަށް ތަންފީޒްކުރާއިރު ޢަމަލީ ގޮތުން ކޮންމެ މަރުހަލާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.

ނަމަވެސް ކީސްޓޭޖް 4 ގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުން ކަމަށާއި މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ކީސްތޭޖް 4ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުއަން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވިކަމަށްވާތީ، އެކަންކަމަށް ރިޔާއަތްކޮށް ކީސްޓޭޖް 4 އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޤުރުއަނުން އިމްތިހާނުކުރުމުގެ އުޞޫލަށް ޢަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

"މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާނީތީ" އެ ސާކިއުލާގައި ބުނެފައިވެއެވެ.

އަދި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރު ސްކޫލްތަކަށް ފޮނުވި ސާރކިއުލާގައިވެއެވެ.