Last Updated: April 23, 16:32
Tuesday, April 23, 2024
ޚަބަރު

ކުޑަކުއްޖާ ރޭޕްކުރި ކާފަ އާއި މުނިކާފަ އަށް ދައުވާކޮށްފި

ރޭޕްގެ މައްސަލައިގައި ތުހުމަތުވާ ހައްޔަރުކުރި ކުއްޖާގެ ކާފަ އާއި މުނިކާފަ / ފޮޓޯ: ސޯޝަލް މީޑިއާ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު މިރޭ ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި 82 އަަހަރުގެ ހަސަން މޫސާ ދީދީ މައްޗަށް އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

https://twitter.com/HuShameem/status/1227964147846893569

މި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ އިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ އެ ކުއްޖާ އަށް އިހުމާލުވުމުގެ ތުހުމަތުގައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމު ވަނީ މި މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކުރި ނަމަވެސް ދައުވާ ކުރަން ފޮނުވާއިރު އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"އެއާއިލާގައި ވެސް އެބަތިބި އެ ކުއްޖާއަށް އިހުމާލުވި އިތުރު ބައެއް މީހުން ވެސް ފާހަގަކުރެވިފައި، އަދި ހައްޔަރު ނުކުރިޔަސް. އެހެންވިމަ ފަހަރެއްގައި ދައުވާ ކުރާއިރު ހައްޔަރުގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް" ޝަމީމު ވިދާޅުވިއެވެ.

އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވިފަހުން، އެފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެ ފުލުހުންނަށް ރިޕޯޓު ކުރުން ވެސް ވަނީ އިތުރުވެފައެވެ.