Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ނަޝީދުގެ ވާހަކަތައް ޓީއެމްއޭއާއި އެއްކޮޅަށް، ކިހިނެއް މިވަނީ؟

މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ހިންގުމަށް ކުޑައަގެއްގައި ޓީއެމްއޭއަށް ދިނުމަށް ތާއިދު ކުރެވޭ ގޮތަށް މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކާއި ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ރައީސް ނަޝީދު ގެންދަވަނީ ފުލުފުލުގައި ޓާމިނަލް އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އިއްޔެ ރައީސް ނަޝީދު ވިދާޅުވީ ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށެވެ. އަދި ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓު ބާރަށް ހިނގަން ފެށުމަށް ދިވެހި ސަރުކާރާއި ޓީއެމްއޭ އާއި ދެފަރާތް އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓާމިނަލްގެ ކަންތައް ނިންމުން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ސަރުކާރުން ޓީއެމްއޭއަށް 5000 އަކަމީޓަރުގެ ޖާގައެއް 10.35 ޑޮލަރަށް ދެ އަހަރު ދުވަހުގެ މުައްދަތައް ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައިވަނިކޮށެވެ. ޒިޔަތު ވިދާޅުވީ އޮޑިޓް އޮފީހުން ބެލި ބެލުމުގައި އެންމެ ފައިދާ ހުރި ގޮތަކީ 5000 އަކަ މީޓަރުގެ ޖާގަ ދިނުމެވެ. އަދި މިއީ ޓީއެމްއޭއަށްވެސް ގެއްލުން ނުވާނެ ގޮތެއް ކަމަށެވެ.

ނަމަވެސް ޓީއެމްއޭއިން ބުނަމުން އަންނަނީ އެކުންފުންޏަށް 19000 އަކަ މީޓަރުގެ ޖާގަ ދޭނެކަމަށް ބުނެ އެމްއޭސީއެލްއިން ސިޓީއެއްް ފޮނުވާފައިވާ ކަމަށެވެ. އަދި އެސިޓީއަކީ އެގްރިމެންޓެއް ކަމަށް ދެކޭ ކަމުގައި ޓީއެމްއޭއިން ވަނީ ބުނެފައެވެ.

ޓީއެމްއޭ އާއި އެމްއޭސީއެލް ދެމެދު މައްސަލަ ޖެހިފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު މިއަދުވަނީ ދެވަނަ ޓްވީޓެއް ކުރައްވާފައެވެ. ނަޝީދު މިއަދު ވިދާޅުވީ ޓީއެމްއޭ އާއި އެމްއޭސީއެލްއަށް ގޮތެއް ނުހޯދިއްޖެ ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހުން ގާތް ކަމަށެވެ. އަދި ނަޝީދު މައްސަލައިގެ އިނގިލި ދިއްކުރަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށެވެ.

ނަޝީދު މިގޮތަށް ބުނެފައިވާއިރު މިއަދު އަނެއްކާވެސް މިވަނީ އާކަންތަކެެއް ފެންމަތިވެފައެވެ. ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވަކީލު ޖެރަޑް ޖެންސާ ހިމެނޭކަން ހާމަވެފައިވާ އިރު ޖެންސާ ރައީސް ނަޝީދު އާއި ބައްދަލު ކުރި ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން ޖެންސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނުރަސްމީކޮށް ބައްދަލުކޮށްފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ޓީއެމްއޭއަށް ބަދަލުދޭން ޖެހިދާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމާއި ޖެންސާ މައްސަލާގައި ހިމެނޭ ހިމެނުން ގުޅުވާފައެވެ.

ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް މިހާރު އެމްއޭސީއެލްއިން ނިންމާފައިވާގޮތަށް ޓީއެމްއޭއަށް ދީފިނަ ދައުލަތަށް އަހަރަކު 848 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެއެވެ. އަދި މިއީ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ގެއްލުމެއް ކަމަށް އޭސީސީން މިއަދު ވަނީ ބުނެފައެވެ.

ކޮންމެއަކަސް މައްސަލަ މިހާރު ކުރިއަށްދާގޮތަށް ބަލާއިރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޓީއެމްއޭގެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު މި މައްސަލަ ބޮޑުވެގެންދާނެއެވެ. ހާއްސަކޮށް މައްސަލައިގެ ތެރެއަށް ރައީސް ނަޝީދު ވެންނެވުމަކީ ކިހިނެއް ކޮންގޮތަކަށް ހިނގާ ކަމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިއީ ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓު ދިނުންފަދަ ކަމެއް ގޮތަށް ބައެއް ފަރާތްތަކުން ދަނީ ސިފަ ކުރަމުންނެވެ.