Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ގައިދީންނަށް އެއްފަހަރާ ތިން ގާނޫނީ ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ހަދައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ފަސް ޤާނޫނީ ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ ތިން ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭގޮތް ހަމަޖައްސައިފިއެވެ.

ކަރެކްޝަންސް އިން ބުނީ މި ބަދަލު ގެނެސްފައިވަނީ ޤާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލުގެ ދަށުންނެވެ.

މި އުޞޫލަކީ ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން، ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤައިދީންނާއި ބަންދު މީހުންގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި ޢަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ އުސޫލެވެ.

ބަދަލު ގެނެވުނު މި އުޞޫލުގައި ޤާނޫނީ ވަކީލުން ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކާއި ބައްދަލުކުރުމާއި ބެހޭގޮތުން އަމަލުކުރަންވީ އުޞޫލުތަކުގެ ތަފްޞީލް ބަޔާންކުރެވިފައިވެއެވެ.

މިގޮތުން ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށެވެ.