Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

އިންޑިއާ އިން ވައިރަހަށް ޕޮޒިޓިވްވި މީހަކު ރަނގަޅުވެއްޖެ

އަވަށްޓެރި އިންޑިއާ އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހަކު ރަނގަޅު ވެއްޖެއެވެ.

އިންޑިއާ އިން މިހާތަނަށް މި ވައިރަހަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު، ބަލިން ރަނގަޅުވުމުން އިއްޔެ ދޫކޮށްލާފައިވަނީ ކެރަލާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދިޔަ މީހެކެވެ.

އޭނާ އަކީ މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ ޔުނިވާސިޓީގައި ކިޔަވަމުންދިޔަ މީހެކެވެ. އޭނާ ކެރެލާ އަށް އެނބުރި އައިސްފައިވަނީ މިދިޔަ މަހުގެ 24 ގައި ކަމަށްވާއިރު، އެ ބައްޔަށް އޭނާ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ބަލިން މުޅިން ރަނގަޅުވެފައިވާކަން ކަށަވަރުކުރުމަށްޓަކާ ހެދި ދެ ޓެސްޓު ވެސް ނެގެޓިވް ކަމަށް ދެއްކުމުންނެވެ.

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު ހަޝް ވަރްދަން އިއްޔެ ވިދާޅުވި ގޮތުގައި މި ބައްޔަށް ދެން ޕޮޒިޓިވް ދެ މީހުންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ. އެމީހުން ހޮސްޕިޓަލުން ދޫކޮށްލާނީ ބަލިން ރަނގަޅުވިކަން ކަށަވަރުކުރުމަށް ހަދާ ޓެސްޓުތަކުގެ ނަތީޖާ އަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލާނީ ޓެސްޓުތަކުގެ ނަތީޖާއަށް ބެލުމަށްފަހު. އެމީހުންގެ ހާލު ރަނގަޅު. ވަރަށް އަވަހަށް އެމީހުން ވެސް ހޮސްޕިޓަލުން ދޫކޮށްލާނެ" އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ހެލްތު ޑިޕާޓްމެންޓުން ބުނާގޮތުގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން 402 މީހެއްގެ ޓެސްޓުތަައް ވަނީ ހަދާފައެވެ. އޭގެތެރެއިން މިހާތަނަށް 363 މީހަކު ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.