Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

ރޮނާލްޑޯގެ ގޯލުން ޔުވެންޓަސް ސަލާމަތްވެއްޖެ

އިޓާލިއަން ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިލާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ރެބިޗް އާއި ތިއޯ ހަނާންޑޭޒްގެ އިތުރުން ޒްލަޓާން އިބްރަހިމޮވިޗް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއާންލުއިޖީ ބުފޮން އެވެ.

ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި ރެބިޗް ވަނީ މިލާނަށް ލީޑު ނަގާދީފައެވެ. މެޗުގެ 71 ވަނަ މިނެޓްގައި މިލާނުގެ ޑިފެންޑަރު ހަނާންޑޭޒް އަށް ރަތްކާޑު ދެއްކުމުން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކުއެވެ.

10 ކުޅުންތެރިންނާއި އެކު ކުޅުނު މިލާން މޮޅުވިޔަނުދީ ޔުވެންޓަސް އިން ހިފެހެއްޓީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީއަކުންނެވެ. އެގޮތުން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޭގެ މެޗު އެއްވަރުވިއިރު މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.