Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ފަތުރުވެރިންނަށް ހަމަލާދިން މައްސަލާގައި ހަތްވަނަ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

ހުޅުމާލޭގައި ބޭރު ބަޔަކަށް ވަޅިން ދިން ހަމަލާގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާއާއެކު މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރުވަނީ ހަތަކަށް އަރާފައެވެ.

މި މައްސަލާގައި މީގެކުރިން ވެސް ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

އެ ހަމަލާއާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ގޮފިން ނެގިކަމަށް ބުނާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މޫނު ފޮރުވައިގެން ތިބި ތިން މީހަކު މި ވީޑިއޯ އިން ފެންނައިރު، އެ ފަރާތްތަކުން ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އެ ވީޑިޔޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

އެ ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާއިރު، އެ ތިން މީހުންނަށް ހަމަލަދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.