Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ޓާމިނަލްގެ މައްސަލަ ބަލާތީ ސަރުކާރުން ނުފޫޒެއް ނުފޯރުވާ: އޭސީސީ

އޭސީސީގެ މެމްބަރުންނާއި ރައީސް ބައްދަލުކުރައްވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ކުއްޔަށް ދޭން އުޅޭ މައްސަލަ ބަލާތީ ސަރުކާރުން ނުފޫޒެއް ނުފޯރުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ (އޭސީސީ) ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވީ ޓީއެމްއޭގެ މައްސަލަ ބަލާތީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކޮށްފާނެ ކަމުގެ އިންޒާރު ސަރުކާރާއި އެމްޑީޕީން ދެމުން އަންނަ ކަމަށް ބުނެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝިއުނާ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އޭސީސީގެ އެއްވެސް މެމްބަރަކަށް އެފަދަ އިންޒާރެއް ވެސް އަދި ޓީއެމްއޭގެ މައްސަލަ ބަލާތީ ސަރުކާރުން ނުފޫޒެއް ވެސް ފޯރުވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ އެކަން ހާމަކުރައްވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާއިރު އޭސީސީން އިއްޔެ ވަނީ އެ ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް ބުނެފައެވެ.

އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށްކަމަށް ބުނެ އޭސީސީއަށް ހެށަހެޅިފައިވާ މައްސަލައިގެ ތަހްގީގަށްފަހު އެކަމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.

އޭސީސީން ބުނީ އެކުންފުންޏަށް އެމްއޭސީއެލްއިން ޓާމިނަލް ދިނުމަށް ނިންމިއިރު އިތުރު ކަންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން 28 ނޮވެމްބަރ 2017 ގައި ކުންފުނީގެ ބޯޑު މީޓިންއިން ޓީއެމްއޭއަށް ޓާމިނަލް ދިނުމަށް ނިންމިއިރު އޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓް ކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާއި އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އަދި އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.