Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ޓީއެމްއޭއާއި އެމްއޭސީއެލްއާ ވެސް އަޅުގަނޑާ ގުޅުމެެއް ނެތް: ނަޝީދު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި އެމްއޭސީއެލްއާ ވެސް އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން އުޅޭ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިއަދު އާންމު ކުރެއްވި ސިޓީއެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެއާރޕޯޓްގެ މައްސަލަ އަވަހަށް ނުނިމިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވާނެކަމަށް ދެކޭ ކަމަށެވެ. އަދި ޓީއެމްއޭއާއި އެމްއޭސީއެލްއާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި ގުޅުން އޮންނަނީ ދިވެހިންނާއި ރާއްޖެ އާއި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލްގެ ހިންގުން ޓީއެމްއޭއަށް ދިނުމާ ގުޅޭ މައްސަލައިގެ ތެރެއަށް ނަޝީދު ވެސް ވަންނަވާފައިވާއިރު، ނަޝީދު މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ޓީއެމްއޭގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި އިއްޔެ ހެނދުނު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ވެލާނާ އެއާޕޯޓުގެ ރަންވޭ ހުޅުވުން ލަސްވެ، ޓީއެމްއޭ އަށް ބަދަލު ދިނުން ގާތް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް ޓާމިނަލް މައްސަލައާ ގުޅިގެން އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހެދިފައެއް ނެތެވެ. އެހެންކަމުން އެއްބަސްވުމެއް ނެތީސް ޓީއެމްއޭ އަށް ބަދަލުދޭން ޖެހޭނެ ގޮތާއި މެދު އާންމުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާއިރު އޭސީސީން އިއްޔެ ވަނީ އެ ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް ބުނެފައެވެ.