Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދައުލަތުގެ މުދަލެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ދިނުމަކީ ގޯހެއް

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: މަޖިލިސް

ދައުލަތުގެ މުދަލެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކަށް ދިނުމަކީ ގޯހެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ މިހެން ވިދާޅުވެފައިމިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން އުޅޭ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަސް ވިޔަސް ލަސް ވިޔަސް، ގޯސްކޮށް ހިނގާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ފަހުން ގެއްލުމުގެ ބަދަލު ދޭންޖެހުނަސް ހެޔޮކަމަށް ބަލައި، ދައުލަތުގެ މުދަލެއް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކަށް ދިނުމަކީ ގޯހެއް ކަމަށެވެ. އަދި ގޯހެއްގެ މައްޗަށް އިތުރު ގޯހެއް ހެދުމަކީ މާ ބޮޑު ގޯހެއް ކަމަށްވެސް އަލީ ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިއްޔެ ވަނީ އެ ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅެނީ ދައުލަތަށް ބޮޑު ގެއްލުމެއްގައި ކަމަށާއި، އެކަމާއި ގުޅޭ ޖިނާއީ ތަހްގީގު ފަށާފައިވާކަމަށް ބުނެފައެވެ.

އައު ސީޕްލޭން ޓާމިނަލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ވަކި ފަރާތަަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށްކަމަށް ބުނެ އޭސީސީއަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހްގީގަށްފަހު އެކަމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އައު ޓާމިނަލް ޓީއެމްއޭއަށް ދޭން ނިންމާފައިވާ އަގަށްބަލާއިރު އަހަރަކު ދައުލަތަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެކަމަށެވެ.

އޭސީސީން ބުނީ އެކުންފުންޏަށް އެމްއޭސީއެލްއިން ޓާމިނަލް ދިނުމަށް ނިންމިއިރު އިތުރު ކަންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން 28 ނޮވެމްބަރ 2017 ގައި ކުންފުނީގެ ބޯޑު މީޓިންއިން ޓީއެމްއޭއަށް ޓާމިނަލް ދިނުމަށް ނިންމިއިރު އޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓް ކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާއި އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.