އިންޑޮނީޝިއާގެ ބަންޑަ އާޗޭ ސިޓީގައި ވެލެންޓައިންސް ޑޭ ފާހަގަކުރުން މަނާކޮށްފި އެވެ.
އެ ސިޓީގެ މޭޔަރު އަމީނުއްﷲ އުސްމާން ވިދާޅުވީ ވެލެންޓައިންސް ޑޭ އަކީ އިސްލާމީ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އަދި އެއީ އެ ސިޓީގެ ސަގާފަތުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ނޫން ކަމަށެވެ. މި ދުވަސް ފާހަގަކުރުން މަނާކުރުމުން އިސްލާމީ އުސޫލުތަކުގެ ބާރު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ ސިޓީގެ ހޮޓެލްތަކާއި ރެސްޓޯރެންޓުތަކުގައި މި ދުވަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ. އަދި މި ދުވަސް ފާހަގަކުރުމަށް ހިންގާ އެއްވެސް ހަރަކާތެއްގައި ލޯބިވެރިން ބައިވެރިނުވުމަށް ވެސް ވަނީ އަންގާފައެވެ.
ބަންޑަ އާޗޭ ސިޓީ އަކީ އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒުކުރާ އިންޑޮނީޝިއާގެ ހަމައެކަނި ސިޓީއެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ވެލެންޓައިންސް ޑޭ ގައި އެކި އުމުރުފުރާތަކުގެ މީހުން އެ މީހުންގެ ބައިވެރިންނަށް އޮންނަ ލޯބި ހާމަކުރެއެވެ.