Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭ ގޮތަށް ސިޓީ ސަސްޕެންޑުކޮށްފި

މެންޗެސްޓަރ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ޗެމްޕިއަންސް ލީގުގެ ކުރިއަށް އޮތް ދެ ސީޒަނުގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑުކޮށްފިއެވެ.

ޔޫއެފާ އިން މި އަދަބު ދިނުމުގެ އިތުރުން ވަނީ 30 މިލިއަން ޔޫރޯ އިން ސިޓީ ޖޫރިމަނާ ވެސް ކޮށްފައެވެ. މި އަދަބު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) ގައި އެޕީލް ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެއެވެ.

ޔޫއެފާ އިން މި އަދަބު ސިޓީ އަށް ދީފައިވަނީ ކްލަބްގެ އަސްލު ހިސާބުތައް ފޮރުވުމުގެ ގޮތުން ނުބައްދަލު އަގުތަކެއްގައި ސްޕޮންސަރުންނާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށް، ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ހަރަދުކުރިކަން ފަޅާ އެރުމުންނެވެ. އެފްއެފްޕީގެ ގަވާއިދުތަކަށް ފެއްތުމުގެ ގޮތުން އެ ހަރަދުތަކުގެ ތަފްސީލެއް ސިޓީގެ އެއްވެސް ރަސްމީ އެކައުންޓްތަކެއްގައި ހިމަނާފައެއް ނުވެއެވެ.

މީގެއިތުރުން މި މައްސަލައިގެ ތަހުގީގަށް ސިޓީން އެއްބާރުލުން ދީފައިނުވާކަން ވެސް ޔޫއެފާ އިން ފާހަގަކޮށްފައިވެއެވެ.

މި އަދަބާ ގުޅިގެން ސިޓީން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ އަދަބެއް ޔޫއެފާ އިން ދިނުމުން ހިތާމަކުރާ ކަމަށާއި ނަމަވެސް އެކަމާ ހައިރާން ނުވާ ކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގެ ފެށުމުގެ ކުރިން ވެސް ޔޫއެފާގެ ތަހުގީގުގެ ކަންކަން ހިންގުމާ ހަވާލުވެ ހުންނެވި ފަރާތުން ފާޅުކަން ބޮޑު ގޮތެއްގައި ސިޓީ އަށް އަދަބެއް ދޭން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް ސިޓީން ތުހުމަތުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ޔޫއެފާގެ ޑިސިޕްލިނަރީ ބޯޑަށް ވެސް މައްސަލަ ހުށަހެޅިކަން ފާހަގަކުރަމުން ސިޓީން ވަނީ މި މައްސަލަ އުފަން ކުރުވީ ވެސް، އަދި މައްސަލަ ބަލައި، ގޮތް ނިންމީ ވެސް ޔޫއެފާ އިން ކަމަށް ބުނެ އެ އިދާރާ އަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީން ވަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ސީއޭއެސްގައި އެޕީލް ކުރާނެ ކަމަށްވެސް ބުނެފައެވެ.

ސިޓީ އަށް ދީފައިވާ މި އަދަބު ސީއޭއެސް އިން ދަމަހައްޓައިފިނަމަ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފަސްވަނަ ހޯދާ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ.

އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅާފައެވެ.