Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

"މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިހާބުން ހޯދާނަން"

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހޯދި ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިހާބުގައި ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބައް ތައްޔާރުވުމުގެ ގޮތުން ޕޯސްޓަރުތައް ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާއި އެކީގައި ސަރުކާރަށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމުގެ ރޫހުގައި ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ނުލިބިއްޖެނަމަ ވައުދު ފުއްދަވަން ދަތިފުޅުވާނެ ކަމަށްވެސް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު އެމްޑީޕީން ފަށާނީ 60 ޕަސެންޓް ގޮނޑިއާއެކު ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން 60 ގޮނޑި ނަގާނެކަން އެނގެނީ އެމްޑީޕީ ޕްރައިމަރީގައި ގޮނޑިތަކަށް ވޯޓުލާފައިވާ ގޮތަށް ބެލުމަށްފަހު ކަމަށެވެ.

އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕޯސްޓަރުތައް ހަރު ކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވީވެސް ރައީސް ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންނެވެ. މިއީ ސިޔާސީ ޕާޓީއަކުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއް ފެއްޓި ފުރަތަމަ ހަރަކާތެވެ.