Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ފުށިދިއްގަރު މައްސަލާގައި ދައުލަތުން ދެ ބިލިއަން ރުފިޔާ ދޭން ޖެހިދާނެ!

ފުށި ދިއްގަރުފަޅު

ކ. ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރުމަށް ސިންގަޕޫރުގެ ޕްރައިމްކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުނުކޮށް ބޭއްވި މައްސަލާގައި ދައުލަތުން އެކުންފުންޏަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ޖެހިދާނެ ކަމުގެ ބިރުހީވެއްޖެއެވެ.

ފުށިދިއްގަރު މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ އިރު މި މައްސަލަ ދައުލަތާއި ދެކޮޅަށް ނިމިއްޖެނަމަ ދައުލަތުން ބޮޑު ބަދަލެއް ހޯދުމަށް އެކުންފުނިން ވަނީ ހުށަހަޅާފައެވެ.

ފުށިދިއްގަރު މައްސަލަ ދައުލަތާއި ދެކޮޅަށް ނިމިފައިވަނީ ، 2014 ޖުލައި މަހުއެވެ. އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ސޮއިކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ނަމަވެސް މައްސަލަ އިސްތިއުނާފު ނުކޮށް މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުގައި ބާއްވައި، އިސްތިއުނާފުގެ މުއްދަތު ފާއިތުވެ ގޮސްފައިވަނީ، އޭރުގެ ނައިބު އަހުމަދު އުޝާމްގެ އެންގެވުމަށްކަންވެސް ވަނީ ކަށަވަރުވެފައެވެ.

މި އެއްބަސްވުމުގައި ހިމެނޭ މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި ޕްރައިމްކެޕިޓަލާއި ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަންޖެހޭއިރު ދިވެހި ދައުލަތުގެ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ކުރަމުން ނުދާކަމަށްބުނެ ޕްރައިމްކެޕިޓަލް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން، އެ މައްސަލައިގައި ސިވިލް ކޯޓުން 2014 ވަނަ އަހަރުގެ ޖުލައި މަހުގައި ޙުކުމް ކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އެގްރީމެންޓުގައިވާ ގޮތުގެ މަތީން އަދާކުރުމަށް ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ފިނޭންސް، ޓޫރިޒަމް އަދި އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މައްޗަށް އަންގާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ އާއި ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މައްސަލައެއް އޭސީސީއަށް ވަނީ ތަހްގީގު ކުރުމަށް ހުށަހަޅާފައެވެ.