Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ވައިރަސް ޖެހިގެން ފްރާންސުން މީހަކު މަރުވެއްޖެ

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ޖެހިގެން ފްރާންސުން ވެސް މީހަކު މަރުވެއްޖެއެވެ.

ފްރާންސްގެ ހެލްތް މިނިސްޓްރީން ބުނިގޮތުގައި ވައިރަސް ޖެހިގެން މަރުވެފައިވަނީ ޗައިނާގެ ހުބެއި ޕްރޮވިންސުން ފްރާންސް އަށް ޒިޔަރަތްކުރި އުމުރުން 80 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ޗައިނާ އަށް ނިސްބަތްވާ މީހެކެވެ.

އޭނާ ފްރާންސް އަށް އައިސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށާއި، އަދި އެކަހެރިކޮށްގެން އޭނާ އަށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އެ ފިރިހެން މީހާގެ އިތުރުން އޭނާގެ ދަރިފުޅަށް ވެސް ވަނީ މި ބަލި ޖެހިފައެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މިއީ މި ބަލި ޖެހިގެން ޔޫރަޕްގެ ގައުމަކުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ޗައިނާގެ ވޫހާން ސިޓީން އުފަންވި ކޮރޯނާ ވައިރަހުގައި މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 60،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.