Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ކޮލަށް ކަރުދާސްކޮޅެއް ލައިގެންވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކޭނެ: މުސްތަފާ

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ. ފޮޓޯ:އަވަސް

ކޮލަށް ކަރުދާސްކޮޅެއް ލައިގެންވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކިދާނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިމިވަނީ އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަދައްކާ އޯޑިތަކެއް ލީކުވަމުންދާ ދަނޑިވަޅެއްގައެވެ. އޯޑިއޯތައް ލީކުވަމުން އަންނައިރު އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި މިއީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ހުތުރު ޖަރީމާއެއް ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މުސްތަފާ ވިދާޅުވީ އަލީ ވަހީދު އެ ދައްކަވަނީ ތެދު ވާހަކަތަކެއް ކަމަށާއި އެގޮތުން ހަށިގަނޑުގެ ގުނަވަންތައް ބައިބައިކޮށްފައި އޮތް ނަމަވެސް އެއީ އަލީ ވަހީދު ކަމަށް ދައްކާނެ ކަމަށެވެ. އަދި ކޮލަށް ކަރުދާސްކޮޅެއް ލައިގެންވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަހަރުމެން އަޑުއެހިން ރާއްޖޭގެ އެކިއެކި ސިޔާސީ ލީޑަރުންގެ އަޑު އެއްވެސް ތަފާތެއް ނެތް ގޮތަށް ވާހަކަ ދެއްކި އަޑުވެސް" މުސްތަފާ ވިދާޅުވިއެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާންމުވަމުން އަންނައިރު އެ އޯޑިއޯތަކުގައި ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ކޮރަޕްޝަނެއްގެ ވާހަކަ ދައްކާ ދަރަންޏަށް އަރާ ބައި "ހަލާސް" ކޮށްލަން އަލީ ވަހީދު ކަމަށް ބުނާ މީހާ ވާހަކަ ދައްކާ އަޑުވެސް އެއް އޯޑިއޯ އިން އިވެއެވެ. އެގޮތުން އެ އޯޑިއޯގައި ދެކެވެމުންދާ ވާހަކަ އަކީ ސުޕްރީމް ކޯޓަށް ގެންނަ ކާރުތަކަކުން "ކޮރަޕްޝަނެއް" ހިންގުމުގެ ވާހަކައެވެ.