Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ބުލީ ކުރުމަކީ ކުށަކަށް ހަދައި، އަދަބެއް ކަނޑައަޅަން ގޮވާލައިފި

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް

ބުލީ ކުރުމަކީ ކުށަކަށް ހަދައި، އެކަމަށް އަދަބެއް ކަނޑައެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ބުލީ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިއީ ޒަމާނުއްސުރެން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މީގެކުރިން މިއީ މާބޮޑު ކަމެއް ކަމަށް ނުދެކޭތީ އޭރު އެކަން ނުކޮށް ތިބީ ކަމަށެވެ.

ނަމަވެސް ބުލީ ކުރުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާއި އެގޮތުން މަދުރަސީ ހަޔާތުގައި ބުލީ ކުރެވިފައި ތިބި ފަރާތްތައް ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާއިރު އެކުރެވުނު ބުލީގެ އަސަރު އެ ފަރާތްތަކުގެ ގައިގައި މިހާރުވެސް އެބަހުރި ކަމަށް ހަސަން ވިދާޅުވިއެވެ.

"ނަތީޖާއަކަށް ވަނީ ޒާތީ ގޮތުން މީސް މީހުންނާ ދޭތެރޭގައި ކަންކަން ކުރަން ފެށުން. މިއީ ވަރަށް ނުރައްކާތެރި ކަމެއް. ރާއްޖޭގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް، ދިރާސާތައް ދައްކާ ގޮތުގައި މިއީ މިކަން ހިނގާ ގޮތް" ހަސަން ވިދާޅުވިއެވެ.

ހަސަން ވަނީ ކަންކަން މިހެން ހުރުމާއެކު މި ބިލުގައި ބުލީ ކުރުމާ ގުޅޭ ގޮތުން މާއްދާތަކެއް ހިމެނުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ބިލުގައި އެއީ ކުށެއް ކަމަށް ކަނޑައެޅުން މުހިއްމު ކަމެއްކަން ހަސަން ފާހަގަކުރެއްވިއެވެ.

"އަދި އެއީ ކުށެއް ކަމަށް ކަނޑައެޅުމާއި، އަދި އެކަން ކުރާ ފަރާތަކާ ދޭތެރޭގައި ކަނޑައެޅޭ އަދަބެއް ވެސް މި ބިލުގައި ހިމެނުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެން" ހަސަން ވިދާޅުވިއެވެ.