Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

ވައިރަހުގައި ޗައިނާގެ ހޮސްޕިޓަލެއްގެ ޑިރެކްޓަރަކު މަރުވެއްޖެ

ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާގެ ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ ޑިރެކްޓަރަކު މަރުވެއްޖެ އެވެ.

ވޫހާންގެ ހެލްތު ކޮމިޝަނުން ބުނީ ވޫހާންގެ ވޫޗަންގް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ލިއު ޒިމިންގް މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ވޫހާން އަކީ މި ބަލި އެންމެ ފުރަތަމަ ފެނުނު ސިޓީއެވެ.

ޑރ.ލީ އެންމެ ފުރަތަމަ އެ ހޮސްޕިޓަލުގައި މަސައްކަތްކޮށްފައިވަނީ ނިއުރޯސާޖެނެއްގެ ގޮތުގައެވެ. މިއީ މި ވައިރަހުގައި ހޮސްޕިޓަލުގެ އިސް މަގާމެއްގައި ހުރި ފަރާތެއް މަރުވި ފުރަތަމަ ފަހަރެވެ.

ޑރ.ލީ މަރުވެފައިވާއިރު މި ވައިރަސް ފެތުރެން ފެށުމުގެ ކުރިން އޭގެ ނުރައްކާ އާންމުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައި ޑޮކްޓަރު، ލީ ވެންލިއާންގެ ވެސް ވަނީ މީގެކުރިން މަރުވެފައެވެ.

ޑރ.ލީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ނުރައްކާތެރި ބައްޔެއްގެ ނުރައްކާ އޮތްކަން އޭނާ އާއެކު މަސައްކަތް ކުރާ ޑޮކްޓަރުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން މި ބަލިން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ލީ ވަނީ އެދިފައެވެ.

މިކަން ސަމާލުކަމަށް ގެނައިތާ ހަތަރު ދުވަސް ފަހުން ވޫހާންގެ ސަލާމަތީ ބާރުތަކުން ވަނީ ލީ ދިރިއުޅޭ ގެއަށް ގޮސް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ބައްޔާ ގުޅޭ އިތުރު މައުލޫމާތު ހާމަނުކުރަން އެއްބަސް ކުރުވާ ލިޔުމެއްގައި ސޮއިކުރުވާފައެވެ.

އަދި އޭގެ ދުވަސްތަކެއްފަހުން މާބޮޑަށް ބަލިވުމުން އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ. ވައިރަހަށް ލީ ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން ލީގެ މައިންބަފައިން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ހާލަތު އެނގިފައެއް ނުވެއެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް 1،800 އަށް ވުރެ ގިނަ މީހުން ޗައިނާ އިން މަރުވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 70،000 އަށް ވުރެ މައްޗަށް އަރާފައެވެ.