Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެންނާކަށް ނުފެނޭ: ނަޝީދު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ޔޫތް މިނިސްޓްރީގެ ދައުވަތަކަށް އަންނަ މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ޑރ.ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ބައެއް އާންމުން ސޯޝަލް މީޑިއާގައި ޑރ.ބިލާލްއާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދައްކަމުން އަންނައިރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ.ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ.

"އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެނޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން ޑރ.ބިލާލް ގެނައުމާ ދެކޮޅަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފައެވެ.

މިނިސްޓަރު މަހުލޫފް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އިސް ބޭފުޅުންތައް ޑރ.ބިލާލް ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ދެކޮޅު ހައްދަވަމުންދާއިރު، މިކަމާ ގުޅޭގޮތުން މިނިސްޓަރު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ޑރ.ބިލާލް މީގެކުރިން ވެސް ވަނީ ރާއްޖެ ވަޑައިގެން ދަރުސްތަކެއް ދެއްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ވެސް ދެއްވާފައެވެ.