Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

ޖިންސީ ގޯނާކުރި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފުލުހުން ދޫކޮށްލައިފި

ކަނޑުހުޅުދޫ މަގެއްގެ މަތީގައި ކުޑަކުއްޖަކު: ފޮޓޯ / މިހާރު

ގއ. ކަނޑުހުޅުދޫގައި ކާފައާ މުނިކާފަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާގެ ބައްޕަ ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފިއެވެ.

ކުއްޖާގެ ބައްޕަ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތުގައެވެ. ފުލުހުން އެ ކުއްޖާގެ ބައްޕަ ދޫކޮށްލިއިރު އެކުއްޖާގެ މަންމައާ އަދި ބައްޕައަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައެވެ.

މި މައްސަލާގައި ފުލުހުން ވަނީ ކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށްވެސް ދައުވާ އުފުލާފައެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން ބުނީ ކުއްޖާގެ ބައްޕަ ދޫކޮށްލީ ޕީޖީއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.