Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޓާމިނަލް ދޫކުރުމަށް ނިންމާފައިވާ ގޮތުން ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅަމުންދާ އައު ސީޕްލޭން ޓާމިނަލް ދޫކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުން ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްއޭސީއެލް އިން ޓީއެމްއޭއާ ވާހަކަދައްކަމުން ގޮސްފައިވަނީ އޭރު ޓީއެމްއޭ އިން އެމްއޭސީއެލް އަށް ދައްކަމުންދިޔަ ކުލީގައި އެ ފަރާތަށް ކުއްޔަށް ދިނުމަށް ކަމަށެވެ.

އެގޮތުން އެކަމާ ގުޅޭ ޑްރާފްޓް އެގްރީމެންޓެއް ތައްޔާރުކުރި ކަމުގެ މައުލޫމާތު ލިބިފައިޥާ ކަމަށާއި، މި ސަރުކާރު ވެރިކަމާ ހަވާލުވެ ސީޕްލޭން ޓާމިނަލް ކުރިން އެމްއޭސީއެލް އިން ދިނުމަށް މަސައްކަތް ކުރަމުންދިޔަ ގޮތަށް ނުގެންދިޔުމަށް އެންގުނު ކަމަށް އަމީރު ވިދާޅުވިއެވެ.

"މި ސަރުކާރު އައުމަށްފަހު އެމްއޭސީއެލް އިން ކުރިން ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމަށް މަސައްކަތްކޮށްފައިވާތީ، ފިނޭންސް މިނިސްޓްރީން ވާނީ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތެއް ކަނޑައަޅަން ވާނީ މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް އެމްއޭސީއެލް އަށް ވާނީ އަންގާފައި" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރާ ގޮތަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ ދިނުމަށް ނިންމާފައިވާ ކަމަށާއި، އަދި މަންޓާ އެއާ އަށްވެސް އެތަނުން މިހާރު ބޭނުން ކުރަމުން އަންނަ ޖާގަ ހަމަ އެ އަދަދަށް ދިނުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި އަލުން ޓެންޑާކޮށް ކުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް ބަލާއިރު އަދި އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެމްއޭސީއެލްއަށް 33.7 މިލިއަން އެމެރިކާ ޑޮލަރު އަހަރަކު ލިބޭނެ ކަމަށާއި އަދި ދެ އަހަރު ފަހުން އަހަރަކު 47.3 މިލިއަން ޑޮލަރު ލިބެމުން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ހުރިހާ ފަރާތްތަކަކަށް ވެސް އެންމެ އިންސާފުވެރި ނިންމުން ކަމަށާއި މި ނިންމުމުގެ ސަބަބުން ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަދި ގެއްލުން މިނެކުރުމުގައި ހަމައެކަނި ލިބޭނެ ފައިސާގެ އާމްދަނީއަށް ވިސްނައިގެން ނުވާނެ ކަމަށާއި ގެއްލުން މިނެކިރަން ޖެހޭ އިންވެސްޓާ ކޮންފިޑެންސަށް ވެސް އޭގެން އަސަރު ކުރާނެ މިންވަރަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"އިންވެސްޓާ ކޮންފިޑެންސް ހިފެހެއްޓުމާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްއެސީއެލްއިން މި ފުލް އޮޕަރޭޝަން ނެގުމުގެ ވިސްނުމުގައި މަސައްކަތް ކޮށްފައި ނެތުމާއި އާ ޓާމިނަލް 34 މަސް ދުވަހުގެ ތެރޭގައި ހުޅުވެން އަންނާނެ ގޮތަކަށް މި ނިންމުން ނިންމާފައިވާނީ" އަމީރު ވިދާޅުވިއެވެ.