Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އައިސީޔޫގައި

މާލޭގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މިއަދު މެންދުރު 3:30 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ދަރުބާރުގެ އާއި މޫންލައިޓު ހިނގުން ގުޅުނު ކަންމަތިން އެ ޒުވާނާ ސައިކަލުގައި ދަނިކޮށް ކަހާލައިގެން ވެއްޓިގެން ކަމަށް ފުލުހުން ބުނެއެވެ.

އެ ޒުވާނާ އަށް އެކިވަރުގެ އަނިޔާތައް ލިބިފައިޥާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭނާރާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ހާލު ރަނގަޅު ނުވާތީ މިހާރު އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ޒުވާނާގެ އަތުގައި ލައިސެންސް ނެތްއިރު، މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.