Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އޭސީސީން ހުރިހާ ކަމެއްވެސް ގާތުން ބަލާނެ ކަމަށް ޔަގީންކުރަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުލަތުގެ ހުރިހާ ކަމެއްވެސް ގާތުން ބަލާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ނަޝީދު ކުރެއްވި ދަތުރުފުޅަކަށް ހަރަދު ކުރެއްވި 444 ރުފިޔާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް ރައީސް ނަޝީދަށް އޭސީސީން އަންގާފައި ވަނިކޮށެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން އޭސީސީން ބެލުމަކީ އެ ކޮމިޝަނުން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގާ އެހެން ކަންކަންވެސް ގާތުން އެ ކޮމިޝަނުން ބަލަމުން ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ ރައީސް ނަޝީދު އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރުކުރަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އެގޮތުން އޭސީސީން ބުނީ ގއ ވިލިގިލީގައި ބޭއްވި ދެކުނު މަހާސިންތާ ނިންމަވާލެއްވުމަށްފަހު ނަޝީދު ފުވައްމުލަށް އަދި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި ނަޝީދުގެ ހަށިފާރަވެެރިންނާއި އަދި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1222 ކަމަށްވެސް އޭސީސީން ބުނެއެވެ.

އަދި މަހާސިންތާ ނިންމަވާލެއްވުމަށްފަހު މާލެ ދިއުމުގެ ބަދަލުގައި، މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެކަން ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާ އަށް ވަނީ އަންގާފައެވެ.