Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

މާލެ ހަލާކުކޮށްލީ "ހޮޅި" މުއިއްޒު: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ފޮޓޯ: މުންޝިދު

މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން މުއިއްޒު ވަނީ ނިންމަވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި މިފަހުން އެންމެ އިސްކޮށް ހުރީ "ހޮޅި" މުއިއްޒު ކަމަށާއި އެކަންތައް ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.

"އެންމެ އިސްކޮށް ހުރީ އެ "ހޮޅި" މުއިއްޒު. އޭނާ ވަޒީރު ކަމުގައޭ ކިޔައި ހުންނަވައިގެން މި މާލެ އަށް ކުރިހާ ކަންތައް އަޅުގަނޑުމެން ހިތުން ފިލައިގެން ދާނެތާ. ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ" ނަޝީދު ވިދާޅުވިއެވެ.

ފަސް އަހަރުވަންދެން މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ނެގުމަށްފަހު މުއިއްޒުގެ "ދެފައިކޭޓަށް މަހާލައިގެން" އިންނަވައިގެން ހުންނަވާފައި މިއަދު އަނެއްކާވެސް ނިކުމެ ވޯޓު ދޭން އެދުނަސް މާލޭ މީހުން ވޯޓު ނުދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މާލޭ މީހުން އޭނާއަކަށް (މުއިއްޒު) ވޯޓެއް ނުދޭނެ. މާލޭ ހަލާކުކޮށްލުމުގެ މޭސްތިރިއަކީ މި ދަންނަވާ "ހޮޅި" މުއިއްޒު" ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމް ސަރުކާރުން އެޅި ބްރިޖު "އޯކޭ" ކަމަށާއި ނަމަވެސް މުއިއްޒުގެ އައުވާނުންނަށް 7،000 ފްލެޓު ބަހާލިގޮތް "އޯކޭ" ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅުން މުއިއްޒު ނިކުންނައިރު އެމްޑީޕީން ނިކުންނާނީ އެޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.