Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ވައްކަން ކުރި ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ: ނަޝީދު

ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހަނދާން ނުނެތޭ ކަމަށާއި އެކަން ކުރި މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވެސް ކުރީ ސަރުކާރުގައި ހިންގި ވައްކަންތައް ހަނދާން ނުނެތޭ ކަމަށާއި އެ ކަންކަން ބަލާނެ ކަމަށެވެ.

"އެމްއެމްޕީއާރްސީން ކުރިހާ ވައްކަން ބަލާނެ. ތިބޭފުޅުންނާ އަރާ ހަމަކުރާނެ، ގާނޫނުގެ އަތް ހިފާނެ. އަޅުގަނޑުމެންގެ ހިތަކުންނެއް ފިލައެއް ނުދޭ، ސިކުނޑިއަކުން ހަނދާނެއް ނުދާނެ. އެމްއެމްޕީއާރްސީގެ މައްސަލަ ވެސް ބަލާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މި ސަރުކާރު ވެރިކަމާ ހަވާލުވެ ވަނީ ދައުލަތުގެ މަތީ މަގާމްތަކުގައި ތިއްބަވާ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ މައްްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލާފައެވެ. ނަމަވެސް އެ ކޮމިޝަނުން ކުރި މަސައްކަތުގެ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ހަތް ބޭފުޅަކު މި ސަރުކާރުގެ ތެރޭގައި ވެސް އެބަ ތިއްބެވި ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އެކި ބޭނުންތަކަށް އެކި ފަހަރުމަތިން މި ފައިސާ ލިބިފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.