Last Updated: May 31, 06:06
Saturday, May 31, 2025
ޚަބަރު

ޕީޕީއެމަށް ކައުންސިލް ދިނުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް ކައުންސިލުތައް ދިނުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ފަދަ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ހެޔޮލަފާ ނަސޭހަތެއް ދެއްވަން ބޭނުންވާ ކަމަށާއި އެގޮތުން ނަމަނަމަ ޕީޕީއެމް އަށް ކައުންސިލް ގޮނޑިއެއް ނުދިނުމަށް އެދޭ ކަމަށެވެ.

"ނަމަނަމަ ކުޑަ ކޮއިފުޅާ އަތްނުލައްޗޭ ފާރުގައި. ހަމަނިކަން ތަދުވާނެ ގޮތެއްގައި ކަށި ޖަހާފާނޭ ބިޗޫ. ނަމަނަމަ ޕީޕީއެމް އަށް ކައުންސިލް ގޮނޑިއެއް ނުދޭތި، ނަމަނަމަ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލު ނުކުރާތި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ޕީޕީއެމް އަށް ކައުންސިލް ދިނުމެކޭ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުމެކޭ ތަފާތެއް ނެތް ކަމަށާއި އެގޮތުން "ހަމަ ހުރިހާ ލެޔެއް ހަމަ ބޯލާނީ" ކަމަށެވެ.

"ޕީޕީއެމްއަށް ކައުންސިލް ދިނުމެކޭ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުމާ ކޮން ތަފާތެއް އޮތީ؟ ހަމަ ބޯލާނީ. ހުރިހާ ލެޔެއް ހަމަ ބޯލާނީ" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް އިންތިހާބު އެމްޑީޕީގެ ޕްރައިމަރީއާ ހިސާބުން ނިމިފައިވާ ކަމަށާއި ދެން އޮތީ އެންމެން އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ޕީޕީއެމުން ކުރިމަތިލީ ކިތައް ކައުންސިލަށްކަން އިނގޭނީ ރަނގަޅަށް ބަލާލުމުން ކަމަށާއި ބެލެވޭ ގޮތުގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވައިގެން އުޅުއްވަނީ މާލޭގެ މޭޔަރު ކަމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެކަނި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.