Last Updated: April 3, 10:13
Friday, April 3, 2020
ޚަބަރު

މާލެ ރައްޔިތުން ބޭނުންވާ ކަންކަން މި ސަރުކާރަށްވެސް އަދި ކޮށް ނުދެވޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

މާލެ ސިޓީގެ ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން މި ސަރުކާރަށްވެސް ކޮށް ނުދެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާއަށް މީހުން މަދުން ދިޔަ ސަބަބާއި ގުޅޭ ގޮތުން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރޭގެ ޖަލްސާއަށް މާލޭގައި ތިބި އެމްޑީޕީ ސަޕޯޓަރުން ނައި މައިގަނޑު ސަބަބަކީ މާލޭގެ ރައްޔިތުން ބޭނުންވެފައިވާ ތިބި ކަންކަން މި ސަރުކާރަށްވެސް މިހާތަނަށް ހައްލު ކޮށްދެވިފައި ނުވުން ކަމަށެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެމައްސަލަތަކަށްވެސް އަދި އެދެވިގެންވާ ހައްލެއް ލިބިފައި ނުވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރާއި ގުޅިގެން މިހާރު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކޮށްފައިވާ ކެންޑިޑޭޓުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ނަޝީދު ވަނީ ރޭގެ ޖަލްސާއަށް މީހުން މަދުން އައި ކަމަށް ގަބޫލުކުރައްވާފައެވެ. އެހެންނަމަވެސް ނަޝީދު ވިދާޅުވީ ޔަގީންކަމާއި އެކުގައި މާލެސިޓީގެ 18 ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާތަނަށް ބާއްވާފައިވާ ހުރިހާ އިންތިހާބެއްގައިވެސް މާލެސިޓީން ބޮޑު ކާމިޔާބީއެއް އެމްޑީޕީން ހޯދާފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އެ ނަތީޖާތަކަށް ބަލާ މާލެސިޓީީގެ ގޮނޑިތައް އެމްޑީޕީން ނަގާނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައެވެ.