Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އެމްޑީޕީއާއި އެމްޑީޕީގެ ފިކުރީ "ތަޅާފޮޅުމުގައި" ބަލިވީ އެމްޑީޕީ

އެމްޑީޕީއާއި އެމްޑީޕީގެ ފިކުރީ "ތަޅާފޮޅުމުގައި" އެމްޑީޕީ ބަލިވެއްޖެއެވެ. މިކަމެއް ފެށުނީ، ދުނިޔެއަށް މަޝްހޫރު ޢިލްމުވެރި، ވާޢިޡެއްކަމުގައިވާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ގެންނަން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓް އެމްޕަވަރމަންޓުން ނިންމި ހިސާބުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޯލިޝަން ސަރުކާރުގެ ޔޫތު މިނިސްޓްރީން ޑރ. ބިލާލު ރާއްޖެ ގެންނަން އުޅުމުން އެކަމާ ފައުޅުގައި ދެކޮޅު ހެއްދެވި އެންމެ އިސްބޭފުޅަަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

އޭނާ ވިދާޅުވީ ޑރ. ބިލާލް ފިލިޕްސްއަކީ ދީނީ ހެޔޮލަފާ ނަސޭހަތްދެއްވާ އިލްމުވެރިއެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމަޢުއަކުން ބަލައި ނުގަންނަކަމަށާއި އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެންނަކަމަށެެވެ. ނަޝީދާ އިސްލާމްދީނާ އޮންނަ ގުޅުމުގެ ވާހަކައަކީ އިތުރަށް ދައްކަންޖެހޭ ވާހަކައެއް ތޯއެވެ؟

ޑރ. ބިލާލު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދަޢުވަތުދެއްވުމުން އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ ނަޝީދާ ތިމާގެފުޅު ބޭކަނބަލެއްކަމުގައިވާ އީވާ ޢަބްދުﷲ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސެވެ. އޭނާާ ގޮވާލެއްވީ އެކަން ހުއްޓަވާލެއްވުމަށެވެ.

އީވާ އިތުރަށް ސިފަކުރެއްވި ގޮތުގައި ޑރ. ބިލާލަކީ ޑިމޮކްރަސީއާ މެދު ފަނާ ކުރަނިވި ވިސްނުމުއް ގެންގުޅުއްވާ، ހައްދުފަހަނައަޅައި ދިއުމުގެ ވިސްނުން ފެތުރުމާއި އަންހެނުންނާ މެދު ހަރުކަށި އަމަލުތައް ހިންގަވާ ބޭފުޅެއްކަމަށެވެ.
އީވާއަކީ އައުރަނިވައިވާގޮތަށް ބުރުގާ އަޅުއްވައި، ހެދުން ތުރުކުރައްވާ ބޭކަނބަލެއްނޫނެވެ.

ދީނުގައި ކަނޑައެޅިފައިވާ މިންގަނޑަށް، އަންހެނުން އައުރަނިވައިކުރަން ޑރ. ބިލާލު ވިދާޅުވުމަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަތުންތޯއެވެ؟ އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅު ހެދުމަކީ ޑިމޮކްރަސީ ފަނާކުރުންތޯއެވެ؟

ޑރ. ބިލާލު ރާއްޖެއަށް ވަޑައިގަތުމާ ދެކޮޅަށް ދެން އަޑުއުފުއްލެވީ، މައްޗަންގޮޅީ އުތުރުދާއިރާގެ މަޖިލިސްމެންބަރ އިމްތިޔާޒު ފަހުމީ ފަދަ ބޭބޭފުޅުންނެވެ.

އެންމެފަހުން ސަރުކާރުން ނިންމީ ސަރުކާރުގެ ސިޔާސަތު ފަސްކޮށް ޑރ. ބިލާލުގެ ދަތުރުފުޅު ކެންސަލް ކުރާށެވެ. އެމްޑީޕީއާއި އެމްޑީޕީގެ ފިކުރީ ހަނގުރާމަ އިތުރަށް ކުރިއަށް ނުގެންދާށެވެ. އެހިސާބަށް ދިޔައިރު، އެމްޑީޕީ ސަރުކާރާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފިކުުރީ "ހަނގުރާމައިގައި" އެމްޑީޕީ އޮތީ ބަލިވެފައިކަން މުޅި ރާއްޖެއަށް ހާމަވެގެންދިޔައެވެ.

ބިލާލު ވަނީ އެމްޑީޕީގެ ވެރިކަމުގައި 2008 ގައި ރާއްޖެވަޑައިގެން ދީނީ ނަސޭހަތްދެއްވާފައެވެ. މެދުކެނޑުމެއްނެތި އޭނާ ގެންދަވަނީ އިސްލާމީ ތަޢުލީމު ދުނިޔޭގައި ފެތުރުއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މަޝްހޫރު ދީނީ އެތައް ޢިލްމުވެރިން ވަނީ ޑރ. ބިލާލުގެ ދިފާޢުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި ޑރ. ބިލާލުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު ނޭޅުއްވުމަށާއި ބަދުނާމު ނުކުރެއްވުމަށް ވަނީ ގޮވާލާފައެވެ.

އިސްލާމިކް މިނިސްޓަރކަން ކުރީން ކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިގޮތުގައި ޑރ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫނެވެ. އަދި އެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއްވެސް ނޫނެވެ.

"އެއީ ޢިލްމީ ބޭފުޅެއް. އެތައް ފޮތެއް ލިޔުއްވާފައިވާ ބޭފުޅެއް. ތަޢުލީމީ އެތައް މުއައްސަސާއެއް އިސްލާމީ އުއްމަތުގައި އުފެއްދެވި ބޭފުޅެއް،" ޝަހީމް ވިދާޅުވިއެވެ.

ޑރ. ބިލާލު ދަތުރުކުރެއްވުމަށް ހުރަސްތައްް ކުރިމަތި ކުރުވާފައިވާ މަދު ގައުމުތަކުގެތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޖާރމަނީ، ޑެންމާކް ފަދަ ގައުމުތަކެވެ. މިދެންނެވި ގައުމުތަކުގެ ސަރުކާރުތަކުގެ މައިގަނޑު ސިޔާސަޔަތު ބިނާވެފައި ވަނީ މުސްލިމުންނާ ދެކޮޅަށެވެ. ކަންއެހެން އޮތުމުން އެ ގައުމުތަކުގެ މުސްލިމުން ދެކެނީ އެއީ ޑރ. ބިލާލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއްނޫންކަމަށެވެ. އިސްލާމްދީނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެއްކަމަށެވެ. އެ ގައުމުތަކުގައި ދީނީ ހޭލުންތެރިކަން ފެތުރުމަށް ކުރެވޭ މަސައްކަތްތަކަށް އަޅާ ހުރަހެއްކަމަށެވެ.

ޑރ. ބިލާލު، 2014 ވަނަ އަހަރު ފިލިޕިންސަށް ވަޑައިގަތުމުން، ޓެރަރިސްޓް ހަރަކާތްތައް ހިންގާ މީހުންނާ ގުޅުން އޮންނަކަމަށް ބުނެ ބަންދުވެސް ކުރިއެވެ. އެކަމަކު އޭގެ ހެއްކެއް ދަލީލެއް އަދި މިހާތަނަށް ދެއްކިފައެއް ނެތެވެ.

ޑރ. ބިލާލުއަކީ ހުޅުޖަހަން ގޮވާލައްވާ ޢިލްމުވެރިއެއްނޫނެވެ. އަލިފާން ބޯޅަހަދައި ސަލާމަތީ ބާރުތަކަށް އުކަން ހިތްވަރުދެއްވި ބޭފުޅެއްނޫނެވެ. މާތް ﷲ އަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެއްސެވި ބޭފުޅެއްނޫނެވެ. ހަތިޔާރުހިފައިގެން ގާނޫނީ ސަރުކާރު ވައްޓާލަން ގޮވާލެއްވި ބޭފުޅެއް ނޫނެވެ. ކަންއެހެން އޮތްއިރު، ދެން ކޮންމެހެން ޑޮކްޓަރ ބިލާލު ރާއްޖެ ނުގެންނެވުމަށް ބާރު އެޅުއްވުމުގެ ބޭނުމަކީ ކޮބައިބާވައެވެ! އޭނާއަކީ އިސްލާމްދީނަށްޓަކައި ވަރުގަދަ "ޖިހާދެއް" ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

ޑރ. ބިލާލު ރާއްޖެ ވަޑައިގަތުން ފަސްވުމަކީ ރާއްޖޭގައި ތިބި މުރުތައްދުވެފައިވާ މީހުންނާއި މުރުތައްދުވުމުގެ މަގުމަތީގައި ތިބި މީހުންނާއި ރާއްޖެއަށް އެހެން ދީން ފަތުރަން މަސައްކަތް ކުރަމުންދާ މީހުންނާއި ލާދީނީ މީހުންނަށާއި ފައްޅިތަކުގެ އަހުލުވެރިންނާ ގާތްގުޅުމެއް ބާއްވާ ބަޔަކު ތިބިނަމަ އެމީހުންނަށް ލިބުނު ކާމިޔާބެކެވެ.

ޑރ. ބިލާލު ރާއްޖެ ގެންނަން އުޅުނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރުންނެވެ. ޔޫތު މިނިސްޓްރީންނެވެ. ޔޫތު މިނިސްޓަރ މަޚްލޫފެވެ. ޑރ. ބިލާލު ރާއްޖެ ވަޑައިގަންނަވާތީ އުފަލުން ތިބީ ދިވެހި މުސްލިމް ރައްޔިތުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ އެތައް ހާސްބަޔަކުވެސް ހިމެނެއެވެ.

އެމްޑީޕީގެ ހަރަކާތްތެރި ވަރަށް ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީއާއި އެމްޑީޕީ ތަޅާފޮޅަންވެއްޖެނަމަ ކޮންމެ ފަހަރަކުވެސް ބަލިވެ ފުނޑުފުނޑު ވާނީ އެމްޑީޕީއެވެ. އެކަމުގެ ގެއްލުން ކުރާނީ މުޅި ޕާޓީއަށެވެ.

ޑރ، ބިލާލުއާ ދެކޮޅު ޓްވީޓްތަކެއް ނުކޮށް، މިނިސްޓަރ މަޚްލޫފަށް ކުރާ އެންމެ ފޯނުކޯލަކުން ވެސް މަޖިލީހުގެ ވެރިން ބޭނުންފުޅުވީ ގޮތަށް ދަރުސްގެ ދަތުރު ކެންސަލް ކުރެވުނީހެވެ. އެކަމަކު ދިވެހިރައްޔިތުންނަށް ފެނުނީ އެމްޑީޕީއާއި އެމްޑީޕީގެ ފިކުރީ "ހަނގުރާމައިގައި" އެއްބަޔަކު އަނެއްބަޔަކާ "ތަޅައިފޮޅައި" އެމްޑީޕީ ބަލިވިތަނެވެ.

ދީނީ ޢިލްމުވެރިޔާ ޑރ. ބިލާލު ފިލިޕަށް މާޗު މަހު ރާއްޖެއަށް ވަޑައިނުގެންނެވުނަސް، ލާދީނީ މީހުންނަށާއި ފައްޅިތަކުގެ އަހުލުވެރިންނަށް އަބަދު ކާމިޔާބެއް ނުލިބޭނެއެވެ.