Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރައީސް ނަޝީދު، ފުރަތަމަ ފަހަރަށް މަޖިލީހުގެ ސަލާމުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާ އަކަށް ސަލާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިއަދުގެ ޖަލްސާ އަށް ތިން މެމްބަރަކު ސަލާމުގައި ތިއްބެވި ކަމަށެވެ. އޭގެތެރެއިން އެއް މެމްބަރަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު ސަލާން ވިދާޅުވަމުން ސަލާން ވިދާޅުވާ ސަބަބު ބަޔާންކޮށް ނޯޓެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ސަބަބެއް ކަމަށް ބަޔާން ކުރައްވާފައިވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިޔުޓްގެ ފަރާތުން ތުލުސްދޫގައި މިއަދާއި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް ކަމަށް އީވާ ވިދާޅުވިއެވެ.

"މިމަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކުގެ ހުރި ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމާއި އަދި މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އަލަށް ގާއިމުކުރެވުނު މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ މަސައްކަތް ކުރިޔަށް އޮތް އަހަރުތަކަށް ރާވާ އެކުލަވާލެވި ކަމާބެހޭ ކަރުދާހުގެ ދެލި ކޮޕީއެއް ބައިވެރިންނަށް ފޯރުކޮށްދީ މަސައްކަތުގެ ބައްދަލުވުމުގައި މަޝްވަރާކުރުން" ނަޝީދުގެ ނޯޓު މަޖިލީހަށް އިއްވަމުން އީވާ ވިދާޅުވިއެވެ.

މިއީ 19 ވަނަ މަޖިލިސް ފެށުނު ފަހުން ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާއަކަށް ސަލާމް ވިދާޅުވި ފުރަތަމަ ފަހަރެވެ.