Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ހައްޖު ކޯޕަރޭޝަނުގެ މާޗު މަހުގެ އުމްރާ ދަތުރުތައް ކެންސަލް

ކޮރޯނާ ވައިރަސް ގެ ސަބަބުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންގެ އަންނަ މާޗު މަހުގެ ޢުމްރާ ދަތުރުތައް ކެންސަލް ކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދު އިރުމަތީގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19ޢާއި ގުޅިގެން ފެތުރިދާނެ ބޮޑު ސިއްހީ ބަލިމަޑުކަމުން ރައްކާތެރި ވުމަށްޓަކައި ސައުދީއިން ވަނީ ވަގުތީގޮތުން އެ ގައުމަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށެވެ.

އެ ސަބަބަށްޓަކައި މިއަހަރުގެ މާޗު އުމްރާ ދަތުރުތަށް ކެންސަލް ކުރެވިފައިވާ ކަމަށާއި މި ދަތުރާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމި ތަމްރީން ބައްދަލުވުންތައް ވެސް ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަދި މާޗްގެ އުމްރާ އާއި ގުޅިގެން ދެން އަމަލު ކުރަންވީ ގޮތް އެ ކޯޕަރޭޝަނުން އަންގަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސައުދީން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު ސައުދީގެ އަވަށްޓެރި ގައުމުތަކުން މި ބަލި ޖެހިފައިވާ މީހުން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މި ބަލި ޖެހިފައިވާ މީހުން އީރާނުން ވެސް ފެނިފައިވާއިރު އެ ބަލީގައި މިހާތަނަށް އެގައުމުން ވަނީ 19 މީހަކު މަރުވެފައެވެ.

މީގެއިތުރުން ކުވެއިތާއި، ބަހްރެއިން އާއި އޮމާން އާއި ލުބްނާން އާއި އިރާގު އަދި ޔޫއޭއީއިން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު މި ބަލީގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން މަރުވެ 80،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.