Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ވައިރަސް ފެތުރޭ ގައުމުތަކަށް ދަތުރުނުކުރަން އިލްތިމާސްކޮށްފި

މި ދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރޭ ގައުމުތަކަށް ދަތުރުނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރޭ ގައުމުތަކަށާއި އަދި އަލަށް މި ބަލި ފެންނަ ގައުމުތަކަށް ކޮންމެހެން ދާންޖެހިގެން މެނުވީ ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް އެކަމަށް އިލްތިމާސްކުރާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރާާއި ސަރަހައްދުތައް ދެނެގަތުމަށާއި، އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ އެތަންތަނުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި، ދަތުރުކުރާ ގައުމުތަކުގެ ހޮސްޕިޓަލުތަކަށް ދިޔުން މަދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މި ބަލި އުޅޭ ގައުމަކަށް ދަތުރުކުރުމަށްފަހު ހުން އައިސް ކެއްސާނަމަ ފޭސްކު މާސްކް ބޭނުންކުރުމަށާއި އަދި އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅޭ ލިބޭ ނަސޭހަތާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ މި ބަލި ފެނުނު ނަމަވެސް މި ބަލި މިހާރު ވަނީ 30 ގައުމަކުން ފެނިފައެވެ. މި ބަލީގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން މަރުވެ 80،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެ އަށް އިއުލާންކޮށްފައެވެ.