Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އެމްޑީޕީ މެމްބަރުންވެސް މިހާރު ބޭނުންވަނީ ސަރުކާރު ބަދަލުކުރަން

އެމްޑީޕީގެ މެމްބަރުން ވެސް މިހާރު ބޭނުންވަނީ މި ސަރުކާރު ބަދަލުކުރަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އެމްޑީޕީ މެމްބަރުން ވެސް ތިބީ މާޔޫސްވެފައި ކަމަށާއި އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކާ ރެޔާއި ދުވާލު ނުނިދާ މަސައްކަތްކުރި އެތަށް ބަޔަކު މިއަދު ވަނީ މަގުމަތިވެފައި ކަމަށެވެ.

އެގޮތުން ހަތް އަހަރު ވަންދެން މަގުމަތީގައި މަސައްކަތް ކުރުމުން ވެސް އެ ފަރާތްތަކަށް ވަޒީފާއެއް ލިބޭނެ ގޮތެއް އަދި އާމްދަނީ އެއް ހޯދޭނެ ގޮތެއް ވެސް ތަނަވަސްވެފައި ނެތް ކަމަށް އެ ފަރާތްތަކުން ބުނަމުންދާ ކަމަށާއި އެ ފަރާތްތަކުން ވެސް މިހާރު ބޭނުންވަނީ މި ސަރުކާރު ބަދަލުކުރަން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ތިމަންނަ މެންނަށް ރައީސް ޔާމީންގެ ވެރިކަން މިއަދު މާ ރަނގަޅޭ. ރައީސް ޔާމީންގެ ވެރިކަމުގައި ތިމަންނަމެންނަށް ޕްރޮޖެކްޓުތައް ލިބުނޭ، ވަޒީފާ ލިބުނޭ، އާމްދަނީ ލިބުނޭ، މަގުމަތީގައި ބިއްޖެހޭކަށް ނުޖެހެއޭ، އަބަދުވެސް އަތުގައި ފައިސާ ހުރެއޭ" އަދުރޭ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިގްތިސާދު ފުޑިފައިވާ ކަމަށް ބުނެ ވިޔަފާރިވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި ފިހާރަތަކާއި ހޮޓާތައް ބަންދުކޮށްފައިވާއިރު ގައުމުގައި ލާރިއެއް ނެތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. މަސްވެރިން އުޅެނީ އެއަށްވުރެ ހާލުގައި ކަމަށާއި އެގޮތުން އެ ފަރާތްތަކުން ކުރާ މަސައްކަތަށް ހަމަ އަގު ނުލިބޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީ ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރީ ރިސޯޓުތަކުގެ މުވައްޒަފުންކަން ފާހަގަކުރަމުން އަދުރޭ ވިދާޅުވީ ވަނީ ފަރާތްތައް ވެސް ބިކަވެފައިވާ ކަމަށާއި އެމީހުން ވެސް މިހާރު ތިބީ މި ސަރުކާރު ބަދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށްވެސް ވިދާޅުވެފައެވެ.