Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ކުއްލިއަކަށް މަޝްރޫއުތަކުގެ ފޮޓޯއާ ހިސާބު އަކުރުތައް ގިނަވެއްޖެ، މިވަނީ ކިހިނެއް؟

ރާއްޖޭގެ ރަށެއްގައި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތައް:

އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެގެން ދިޔަ ފޮޓޯތައް ގިނަ ބަޔަކަށް މިހާރު ހުންނާނީ ފެނިފައެވެ. މިއީ މީގެ އެތައް ދުވަހެއްގެ ކުރިން ފަށާފައިވާ މަޝްރޫއުތަކެކެވެ. ބައެއް މަޝްރޫއުތައް ނިމެން ކައިރިވާއިރު އަނެއް ބައި މަޝްރޫއުތައް ފެށުނީއެވެ. ކޮންމެއަކަސް މިއޮތް ހުރިހާ ދުވަހު ސޯޝަލް މީޑިއާއަށް މަޝްރޫއުތަކުގެ ފޮޓޯތައް ނުލާ ހުރި އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން މިކަން ކުރަން މިފެށީ ކޮން ބޭނުމެއްގަ ހެއްޔެވެ. މިވަނީ ކިހިނެއް ހެއްޔެވެ. އެކަން އެމީހުން އެ ކުރަނީ ކޮން ކަމެއް ހާސިލް ކުރުމަށް ހެއްޔެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންނާއި ވާހަކަދައްކާލުމުން އެނގިގެން ދިޔައީ މިއީ މިިދިޔަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް ފަހު މި ވެރިން ކުރަން ފެށި ކަމެއް ކަމެވެ. ޕީޕީއެމްގެ ސައިޒު ދައްކާލީއެވެ. ސަރުކާރާއި ދެކޮޅު އެތައް ބަޔަކު ފެނި ސަރުކާރުގެ ވެރިން ހިތުގައި ޖެހުނީއެވެ. އެމްޑީޕީގެ މެންބަރުންނާއި އާއްމު ރައްޔިތުންގެ ލޮލުގައި ކޮންމެވެސް އަނދުނެއް އަޅުވަން އެބަޖެހެއެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމާއި ރައްޔިތުންނަށް އުފާވެރިކަން މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ވަކި ހައިސިއްޔަތެއް ނެތި މަސައްކަތް ފެށީ ސޯޝަލް މީޑިއާއިންނެވެ.

އަބަދުވެސް ސޯޝަލް މީޑިއާ "ހިސޯރު" ކޮށްލައިގެން އުޅޭ އެމްޑީޕީގެ މަސައްކަތުން އިއްޔެ ޓްވީޓާއަށް ވަންނަ ކޮންމެ ފަހަރަކުވެސް ފެންނަމުން ދަނީ މިފަދަ ޕޯސްޓުތަކެކެވެ. އާއްމު ގޮތެއްގައި މިފަދަ ޕޯސްޓުތައް ކުރަމުން ގެންދަނީ އެމްޑީޕީގެ އެކްޓިވިސްޓުން ކަމަށްވީ ނަމަވެސް އިއްޔެ ފެނިގެން ދިޔައީ ރަސްމީ މަސައްކަތް ދޫކޮށްލުމަށްފަހު ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މިނިސްޓަރުންވެސް ސިޔާސީ މަސައްކަތްޕުޅައިގެން އުޅުއްވި ތަނެވެ. ކައުންސިލް އިންތިހާބު އެމްޑީޕީއަށް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދިޔަ ތަނެވެ.

އެގޮތުން އެންމެ ފާހަގަކުރެވިގެން ދިޔަ އެއް ބޭފުޅަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. މަޖިލީހުގައިވެސް ތަފާތު ދައްކަވަމުން ގެންދަވާ ހަސަން ލަތީފު އިއްޔެ ކެނޑިނޭޅި ކުރައްވަމުން ގެންދެވީ އެ މަސައްކަތްޕުޅެވެ. މި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަސަން ލަތީފު އެކަނިމެ 30 އަށްވުރެ ގިނަ ރަށުގެ މަޝްރޫއުތަކުގެ ފޮޓޯތައް ވަނީ ޓްވީޓު ކުރައްވާފައެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް އެ މަސައްކަތަށް ނިކުންނެވިއެވެ. އިންޑިއާގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ މަސައްކަތްޕުޅަކަށްވީ އެމްޑީޕީގެ މެންބަރުން ކުރާ މަސައްކަތުގައި ބައިވެރިވުމެވެ. އެގޮތުން ހަސަން ލަތީފުގެ ޓްވީޓުތައް ރީޓްވީޓު ކުރައްވާ ހެއްދެވިއެވެ.

އާއްމު ގޮތެއްގައި މިފަހަކަށް އައިސް ސިޔާސީ އެއްވެސް ޕޯސްޓެއް ނުކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ރޭ ފެނިގެން ދިޔައީ ތަފާތު ކޮށެވެ. ބަސްމޮށުން ތެރިކަމާއި ދިވެހި ބަހުގެ ހަމަތަކަށް ފަރިތަ އަބްދުﷲ ޝާހިދުގެ ޓްވީޓުތަކަކީ މީގެކުރިން ގުޑުން އަރައިގެންދާ ވަރުގެ ޓްވީޓުތަކެކެވެ. ކަންވީވެސް އެހެނެވެ. އެމަނިކުފާނު ޕޯސްޓު ކުރެއްވީ އެމްއެންޔޫއިން އިންތިޒާމު ކޮށްގެން ބޭއްވި ރިޔާސީ ބަހުސްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނު ވިދާޅުވަނީ ލާމަރުކަޒީ ނިޒާމަކީ ބަލައިގަންނަ އެއްޗެއް ނޫން ކަމަށެވެ. އެ ވީޑިއޯއާ އެކުގައި އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެވަރުގެ ބަޔަކަށް ކައުންސިލްތައް ހަވާލު ކޮށްގެން ނުވާނެ ކަމަށެވެ.

"އަސްލު އަޅުގަނޑުމެންގެ ޖަލްސާއަށް މީހުން އައިލެއް ވަރަށް މަދު. ރައީސް ނަޝީދު ވިދާޅުވި ފަދައިން ރައްޔިތުން އެހާ ހެޕީއެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރުން އެބަ މަސައްކަތްތަކެއް ކުރޭ. އެ މަސައްކަތްތައް އެބަޖެހޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ފެންނަން. އެކަން އެއްކިބާގައި ހުއްޓާ އަޅުގަނޑުމެންގެ ވާދަވެރިން ބޭއްވި ޖަލްސާ ވެގެން ދިޔައީ އަޅުގަނޑުމެން އަޅުގަނޑުމެންނަށް ތަޅާ ފޮޅުމަކަށްވެސް ދާން ޖެހުނު ހިސާބަކަށް. ސޯޝަލް މީޑިއާގައި ބައެއް މީހުން އެމްޑީޕީ ދެކެ ލަދު ގަންނަ ހިސާބަށް ދިޔަ ވާހަކަ ބުނުމުން އަޅުގަނޑުމެންގެ ވެރިންނަށް ކެތެއް ނުވި. މަޖުބޫރު ވެއްޖެ ރައްޔިތުންނަށް ސަރުކާރުން މަސައްކަތްތަކެއް އެބަ ކުރަމުކަން،" ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖޭގެ އުތުރުގެ ދާއިރާއަކަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވިއެވެ.

ކޮންމެއަކަސް އެ ފޮޓޯތަކުން ރާހަތެއް ނުކުރިކަން އެނގުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި ޓްވީޓުތަކަކުންނެވެ. ސީދާ ތަފާސް ހިސާބުތަކާއި އެކުގައި މަސައްކަތްތައް މިހާރު އޮތް ހިސާބުތަކާއި އެކުގައި ކުރި ޓްވީޓުތަކުން ބަޔަކަށް ރާހަތްތަކެއް ކުރާނެކަން ރައީސް އޮފީހުގެ ޕަބްލިކް ރިލޭޝަން (ޕީއާރް) ޓީމަށް އެނގުނެވެ. ކަންވީވެސް އެހެނެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުން އެ ޓްވީޓައް ޖާގަ ހޯދިއެވެ. އަދި ދިވެހި ރައްޔިތުންނާއި ހަމައަށް އެ ހަބަރުތައް ވަގުތުން ވަގުތުން ވަގުތަށް ތާޒާ ކަމާއި އެކުގައި ދިއުމުން ޕީޕީއެމްއިން ބޭއްވި ޖަލްސާއާ އެ ޖަލްސާއަށް ދިޔަ މީހުންނާއި ސަރުކާރަށް ތާއީދު ނެތް ކަމަށް ދައްކަމުން ދިޔަ ވާހަކަތައް ފަސްލާ ފޮރުވިއްޖެއެވެ.