Last Updated: April 20, 10:54
Saturday, April 20, 2024
ރިޕޯޓް

ޑރ ބިލާލު އޯކޭ އެއް ނޫން! އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތައް އޯކޭ؟

ޓުއަރިސްޓް ވިސާގައި ދިވެހިރާއްޖެއަށް އެތެރެވި އިނގިރޭސިވިލާތުގެ ލާދީނީ ބަޔަކު، އައްޑުއަތޮޅު ގަމާއި ބޮޑުތިލަދުންމަތީ ހަނިމާދޫގައި "ލާދީނީ" ވޯކްޝޮޕްތަކެއް ބޭއްވުމަށްފަހު ސިއްރުސިއްރުން ފުރައިގެން ހިނގައްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ވާހަކަހުރިގޮތުން ދޭހަވީ އެތަނަށް އެމައްސަލައިގައި ވީއެއް ނުވީއެއްވެސް ނޭގުނުކަމެވެ.

"ތަހުގީގުކުރަމުންނޯދަނީ"
"އެއީ ކޮން ބަޔަކު ގެނައި ބައެއް؟"
"ކިހިނެއް ރާއްޖެއަށް ވަދެގަތް ބައެއް؟"
އެމީހުންނަށް ވޯކްޝޮޕްތައް ހިންގަން އެހީތެރިވީ ކޮންބައެއް؟"
"އެމީހުން ވޯކްޝޮޕްތައް ހިންގީ ހުއްދަ ހޯދަންޖެހޭ ރަސްމީ ފަރާތްތަކުން ހުއްދަ ހޯދައިގެންތަ؟"

މިއިން ސުއާލަކަށް ރާސްޓަސް ކިޔާފައި ސަރުކާރުގެ އެއްވެސް މުއައްސިސާއަކަށް ޖަވާބެއް ނުދެވުނެވެ. ނުވަތަ ޖަވާބުދޭން ނުކެރުނެވެ.

ފެނުނު ބޮޑު އެއް މަންޒަރަކީ ލާދީނީ މީހުން ހަނިމާދޫގައި ބޭއްވި ލާދީނީ ވޯކްޝޮޕްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޢަބްދުލްޣަފޫރު މޫސާ ބައިވެރިވެވަޑައިގެންނެވިކަމެވެ.

އައްޑުއަތޮޅު ގަމާއި ހަނިމާދޫގައި ބޭއްވި ވޯކްޝޮޕްތަކުގައި ބައެއް ބެލެނިވެރިންނާއި ނޫކަށިފުރައިގެ ޒުވާން ކިޔަވާ ކުދީން ބައިވެރިކޮށްފައިވާ ކަމާމެދު ގައުމު ގިސްލައި ރޯންޖެހެއެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުންއަންނަ އެއް ޤައުމިއްޔަތެއް ޙިއްޞާކުރާ ބަޔަކަށް ވުމާއެކު، ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާން ކަމާއި ޞުލްޙަ މަސްލަޙަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާކަމެއްކަމަށެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި މިދެންނެވިހެން ބަޔާންކޮށްފައިވާއިރުވެސް، އަޅުގަނޑުމެން ތިބެން ޖެހެނީ ލާދީނިއްޔަތަށް "އޯކޭ! އޯކޭ!" ކިޔަކިޔާހެއްޔެވެ؟

އިނގިރޭސިވިލާތުގެ ލާދީނީ "ކިއުލިއަމް ފައުންޑޭޝަން"އިން ރާއްޖޭގައި ލާދީނިއްޔަތަށް މަގުފަހިކުރަން ވޯކްޝޮޕެއް ބާއްވާފައި ފުރައިގެން ދިޔައީ، މުޅިދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ވާޢިޡް ޑރ. ބިލާލު ފިލިޕްސް ރާއްޖެ ގެންނަވައި ވަޢުޡު ވިދާޅުވުމަކީ "އޯކޭ ކަމެއް ނޫންކަމަށް" ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަފުޅުދެއްކެވުމާއި ގުޅިގެން ޑރ. ބިލާލުގެ ދަތުރުފުޅު ކެންސަލު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

ސުއާލަކީ "ޑރ. ބިލާލު އޯކޭއެއް ނޫން" ދޯ! ލާދީނީ މީހުން އޯކޭ ދޯ!"

ދިވެހިރާއްޖޭގައި ދީނީ ތަޤުރީރުކުރުމާއި، ޢާންމުކޮށް ދީނީ ޙުކުމްތައް ބަޔާންކޮށް ދިނުމާއި، މިއިންކަމެއް ކުރަންވާނީ، ރައީސުލްޖުމްހޫރިއްޔާއަށް ލިޔެ، އެކަމުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އެހުއްދަ ދިނުމަށް ވަކިފަރާތެއް ކަނޑައަޅާފައި ވާނަމަ، އެކަމަށް އެދި ލިޔާނީ އެފަރާތަކަށެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ވާގޮތުން "ދިވެހިރާއްޖޭގައި ދީނީ މާއްދާތައް ކިޔަވައިދޭންވާނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކަމުގެ ހުއްދަ ލިއުމަކުން ލިބިގެންނެވެ." އަދި އެ "ހުއްދަ ދޭންވާނީ، ދިވެހި ސަރުކާރުން ގަބޫލުކުރާ އިސްލާމީ ޔުނިވަރސިޓީއަކުން، ނުވަތަ އެފަދަ އެފެންވަރުގެ ތަނަކުން މަތީތަޢުލީމުގެ ސެޓުފިކެޓެއް ލިބިފައިވާ މީހުންނަށާއި، ދިވެހި ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް ދީނީތަޢުލީމު ޙާޞިލުކޮސްފައިވާ މީހުންނަށެވެ. އަދި މި ހުއްދަ ދެވޭނީ، ދިވެހި ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތީން މުސްލިމުންނަށެވެ.

ހަނިމާދޫއާއި އައްޑޫގަމުގައި ބޭއްވި ވޯކްޝޮޕްގައި ދީނީ ވާހަކަދެއްކި، މުރުތައްދުވެފައިވާ މީހުންނަކީ މުސްލިމުންނެއްނޫނެވެ. އަދި ދީނީ ތައުލީމެއް ލިބިފައިވާ ބައެއްވެސް ނޫނެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް އެރި މުރުތައްދުވެފައި ތިބި ބަޔަކު ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު ފުޑާލާފައި ދިޔައިރު އެކަމާދެކޮޅަށް ސަރުކާރުގެ އެއްވެސް މުއައްސިސާއަކަށް "ތަށަށް ކިޔަނީ މަރިއަނބު؟" ހެއްޔޭވެސް އަހާނުލެވުނެވެ؟

އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި، ދީނީ އެއްބަައިވަންތަކުގެ ޤާނޫނާއި ޚީލާފަށް ރާއްޖޭގެ އެކި ރަށްރަށުގައި ވޯކްޝޮޕްތައް ހިންގަމުންދާ ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް ލިބެމުންދާތީ އެކަންތައް ދަނީ ބަލަމުންނެވެ.
އިސްލާމިކް މިނިސްޓްރީން މައްސަލަ ބަލަމުން ބަލަމުންދަނިކޮށް ލާދީނީ ވޯކްޝޮޕް ބޭއްވި މީހުން ސިއްރުސިއްރުން ފުރައިގެން ހިނގައްޖެއެވެ. ދެން ބަލާނީ އަދި ބެލެނީ ކޮން މައްސަލައެއް ހެއްޔެވެ؟ ދެން އެންމެ ފައްކާކޮށް ބެލޭނީ އެ ވާހަކަ ދެއްކި މީހުންގެ މައްސަލައެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ދިޔަރެސް"އިން ސިފަކުރިގޮތުގައި

"އިސްލާމް ދީނާއި ދެކޮޅު ޖަމިއްޔާއިން ހަނިމާދޫ ވޯކްޝޮޕްގައި ފިތްކަނޑައިގެން ދާވަރުގެ ވާހަކަތަކެއް!" ދެއްކިއެވެ.
"ކިއުލިއަމް ޖަމިއްޔާގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވީ ސީދާ ސަރުކާރުގެ ތެރެއިން ރޭވިގެން ދައުލަތުގެ އިސްވެރިންގެ އެދުމުގެ މަތިން ކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން ހަނިމާދޫގައި ވެސް އަދި އައްޑޫގައިވެސް މި ޖަމިއްޔާގެ ވޯކްޝޮޕް އިންތިޒާމުކޮށްދީފައިވަނީ ސަރުކާރުންނެވެ." އޮންލައިން ނޫސް "ދިޔަރެސް"އިން ބަޔާންކޮށްފައިވެއެވެ. "ވޯކްޝޮޕް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެެވެ."

ހަނިމާދޫގައި ބޭއްވި ވޯކްޝޮޕްގައި ބައިވެރި މީހަކު، ހާރިސް ރަފީގުގެ ވާހަކައިގައި އިސްލާމް ދީނާ މެދު ސުވާލު އުފައްދައި ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދޭންޖެހޭ ކަމަށް ބުނެ ވާހަކަ ދެއްކިކަން ވަރަށް ބޮޑަށް ފާހަގަކުރިއެވެ.

ފެބުރުއަރީމަހު ހދ. ހަނިމާދޫގައި ކިއުލިއަމް ފައުންޑޭޝަނުން ބޭއްވި ވޯކްޝޮޕްގައި ބައިވެރިކޮށްފައި ވަނީ ރަށު ސްކޫލްތަކުގެ ޓީޗަރުންނާއި ޖަމިއްޔާތަކާއި ސަރުކާރު މުއައްސަސާތަކުގެ ވެރިންނެވެ.

"ހާރިސް މުޅިންވެސް ވިސްނާދޭން އުޅުނީ، ރާއްޖޭގައި އެހެން ދީން ތަކަށް ޖާގަ ދިނަސް އެއީ މައްސަލައެއް ނޫންކަން. އަދި ދިވެހީން އެކަމާ ރުޅި ނައިސް ކަންބޮޑު ނުވެ ތިބެން ޖެހޭނެ ކަމަށް އޭނަ ބުނި" ވޯކްޝޮޕްގެ ބައިވެރިއަކު ބުނެފައިވެއެވެ.

ވޯކްޝޮޕްތައް ބޭއްވުމަށް ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހާރިސް ރަފީގަކީ އިނގިރޭސިވިލާތު ރައްޔިތެކެވެ. ކުރިން މުސްލިމެއް ނަމަވެސް މިހާރު މުރުތައްދުވެފައިވާ މީހެކެވެ. އޭނާއަކީ ކިއުލިއަމް ފައުންޑޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރ އެވެ. އަދި އެގްޒެކްޓިވް ބޯޑުގެ މެންބަރެކެވެ. އަދި އޭނާއަކީ ހައްދުފަހަނަޅާފައިވާ ކަމަށް ހުޅަގުން އަޑުފަތުރާ މުސްލިމުންގެ ވިސްނުމާއި ޚިޔާލު ބަދަލުކޮށް، މުސްލިމުން ނަސާރާ ކުރުމަށް އިނގިރޭސި ސަރުކާރުން އައްޔަންކޮށްފައިވާ ނުރައްކާތެރި އެޖެންޓެކެވެ.

ކިއުލިއަމް ފައުންޑޭޝަނަށް މާލީއެހީތެރިކަން ދެނީ އެމެރިކާގެ ޖޯން ޓެމްޕަލްޓަން ފައުންޑޭޝަނުންނެވެ. އަދި އިނގިރޭސި ސަރުކާރުން ވެސް ނުސީދާ ގޮތެއްގައި އެ ފައުންޑޭޝަނަށް އެހީތެރިވަމުން ދެއެވެ. ޖޯން ޓެމްޕަލްޓަން ފައުން ޑޭޝަނުން ދަނީ ގައުމުތަކުގައި ނަސާރާދީން ފަތުރަން ކުރާ މަސައްކަތްތަކަށް މިލިއަން މިލިއަން ޑޮލަރުން އެހީތެރިވަމުންނެވެ.

ކިއުލިއަމް ފައުންޑޭޝަނުން އެފްރިކާގެ ޒެމްބިޔާ، ބޮޓްސްވާނާ ފަދަ ގައުމުތަކުގައި ނަސާރާދީން ފަތުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދެއެވެ.

ކިއުލިއަމް ފައުންޑޭޝަނަކީ ދީނީކަންތައްތައް ދިރާސާ ކުރާ އަދި ހައްދުފަހަނަޅާފައިވާ ސިޔާސަތު މެދުމިން ސިޔާސަތަށް ބަދަލުކުރުމުގެ ނަމުގައި ލާދީނީ ސިޔާސަތު ފަތުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ޖަމާޢަތެކެވެ.

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބުނާގޮތުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލުކުރުމާއި، މިއިން އެއްވެސްކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ، މަނާ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، ނުވަތަ މުޖުތަމަޢުގެ ވަކި ބައެއްގެ ޙައްޤުތަކަށް އުނިކަން ލިބިދޭފަދަ ގޮތަކަށް، ދީނީ ތަޤުރީރު ކުރުމާއި، ޢާންމުކޮށް ވާހަކަދެއްކުމަކީ މަނާކަމެކެވެ.

ކިއުލިއަމް ފައުންޑޭޝަނުން ރާއްޖޭގައި ހިންގި ވޯކްޝޮޕްގެ ކަންތަކަށް ބަލާއިރު ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އިސްލާމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ޔޫތު މިނިސްޓްރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިތުދަސްްކުރައްވަން އެބަޖެހޭކަން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެއެވެ.

"ޑރ. ބިލާލު އޯކޭއެއް ނޫން! ލާދީނީ މީހުން އޯކޭ! ޑރ. ބިލާލު އޯކޭއެއްނޫން! ލާދީނީ މީހުން އޯކޭ! ސެކިއުލަރރިޒަމް އޯކޭ" މުސްލިމް ދިވެހިރާއްޖޭގައި މިހެން ކިޔަކިޔާތިބުން ވެސް އޯކޭއެއްނޫނެވެ.

"ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރެވެ."

މިހެން ހަމައެކަނި ޤާނޫނުއަސާސީގައި ލިޔެގެން ތިއްބަސް، ގައުމުގެ އެތެރެއިންނާއި ބޭރުން އިސްލާމް ދީނަށް ކުރިމަތިކުރާ ގޯނާއިން ސަލާމަތްކުރެވޭކަށް ނެތެވެ.

ދިވެހިރާއްޖެއަށް ބޭނުން ވަނީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ ލީޑަރުންނެއްނޫނެވެ. ދިވެހިރާއްޖެއަށް ބޭނުން ވަނީ، ދީނާއި ގައުމުގެ ހައްގުގައި ބަސްބުނެ، ޖިހާދުކުރާނެ، ލީޑަރުންތަކެކެވެ.