Last Updated: April 26, 15:02
Friday, April 26, 2024
ރިޕޯޓް

ޕީޕީއެމްގެ ސައިޒު ފެނި ކޮންކްރީޓު ތަރައްގީ "އޯކޭ" ވެއްޖެ!

ރާއްޖޭގެ ރަށެއްގައި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތައް:

މިއަދު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އޭރު ވިދާޅުވީ "ތަރައްގީއަކީ އިންސާނުންގެ ދިރިއުމަށް އަންނަ ތަނަވަސް" ކަމާއި "އިންސާނުންގެ ފިކުރާއި ވިސްނުމަށް އަންނަ ބަދަލު"ތައް ކަމަށެވެ. ކޮންކްރީޓު ތަރައްގީ އެބޭފުޅުންނަށް "އޯކޭ" އެއް ނުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނެސްދީފައި ހުރީ ހަމައެކަނި ކޮންކްރީޓު ތަރައްގީ ކަމަށް ވިދާޅުވެ މިއަދު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އޭރު ޖެއްސެވީ ހަޖޫއެވެ.

ނަމަވެސް މަންޒަރު ބަދަލު ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ކޮންކްރީޓު ތަރައްގީ "އޯކޭ" ނޫން ކަމަށް ވިދާޅުވި ބޭފުޅުންނަށް ރައްޔިތުންގެ ޖީބަށް ގެނެވުނު ތަރައްގީއެއް ނެތެވެ. ރައްޔިތުންގެ ފިކުރާއި ވިސްނުމަށް ހަމައެކަނި ގެނެސްދިން ތަރައްގީއަކީ "ރައީސް ޔާމީނަކީ ވަގެއް" "ކުރީ ސަރުކާރުން ކުރީ ހުސް ވައްކަން" "މުޅި ދައުލަތް ދަވާލީ ރައީސް ޔާމީން" މިކަހަލަ ވާހަކަތަކެކެވެ.

ކޮންމެއަކަސް މި ވޭތުވެދިޔަ ދުވަސްތަކުގައި ސޯޝަލް މީޑިއާއިން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ކުރިންވެސް ފާހަގަކުރި ގޮތަށް މުޅިންވެސް ދައްކަމުން ދިޔައީ ކޮންކްރީޓު ތަރައްގީއެވެ. އެވެނި ރަށެއްގެ މިވެނި އިމާރާތެއްގެ މަސައްކަތް ކުރަމުންދާއިރު އެވެނި ރަށެއްގެ ފުޓްސަލް ދަނޑު ހަދަމުންދާ ވާހަކައެވެ. މި ނޫން އެއްޗެއް ސޯޝަލް މީޑިއާއިން އެއް ނުފެނެއެވެ. މިކަން މިގޮތަށް ކުރުމަށް އެމްޑީޕީއަށް މަޖުބޫރުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްއިން ކާނިވާސަ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ފަހުއެވެ.

"ކޮންކްރީޓު ތަރައްގީ އޯކޭ ވެގެނެއް ނޫން އެކަން ކުރަން މި ޖެހުނީ. އެކަމަކު އަޅުގަނޑުމެން ހީ ނުކުރަން އަޅުގަނޑުމެންގެ ޖަލްސާއަށް އެހާ މަދުން މީހުން ގޮސް ޕީޕީއެމްގެ ޖަލްސާގައި އެހާ ގިނަ އަދަދަކަށް ބަޔަކު ދާނެ ކަމަކަށް. ވަރަށް ބޮޑު ސަޕްރައިޒް އަކަށް އަޅުގަނޑުމެންނަށް މިކަން ވެގެން ދިޔައީ. އެހިސާބުން ޕާޓީގެ ލީޑާޝިޕަށް މަޖުބޫރުވެއްޖެ މިހެން ކަންކަން ކުރުމަށް. ރައްޔިތުންނަށް ދައްކަން އެބަޖެހޭ މިކަންކަން މި ގޮތަށް އަޅުގަނޑުމެން އެބަ ކުރަމުކަން. ރާއްޖޭގެ ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް އެބަ ހިންގަމުކަން،" ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު ނަން ހާމަ ނުކުރުމަށް އެދި "އައްޑޫލައިވް"އަށް ވިދާޅުވިއެވެ.

ނަމަވެސް ސުވާލަކީ އެ ރަށްތަކުގެ ރައްޔިތުންނަށް އެ މަސައްކަތް ނުފެންނާނީ ހެއްޔެވެ. އެގޮތަށް ފޮޓޯ ނަގާފައި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުން ޖަލްސާއަށް މީހުން އަންނަނީ ހެއްޔެވެ. ނުވަތަ އެމްޑީޕީއަށް ގެއްލުނު ތާއީދު އިތުރުވެގެން ދަނީ ހެއްޔެވެ.

"ނޫން ކޮންމެހެން އެހެން ވެގެނެއް ނޫން. އެކަމަކުވެސް ގިނަބަޔަކަށް ހީވެފައި އޮންނަނީ މި ސަރުކާރުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަކަށް ނުގެންދެއޭ. އެހެންވީމަ އަޅުގަނޑުމެން ބޭނުން ވަނީ ތަރައްގީގެ މަޝްރޫއުތައް އަޅުގަނޑުމެން ކުރިޔަށް ގެންދާކަން ރައްޔިތުންނަށް ހާމަ ކޮށްދެން. އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުންނަށް މި ސަރުކާރުން ހަމަ ދެއަތް އުރާލައިގެން ހުންނަނީ ނޫންކަން ސާބިތު ކޮށްދޭން،" މެންބަރު ވިދާޅުވިއެވެ.

މި ބޭފުޅުން ތަރައްގީ މި ކިޔަނީ ކޮން އެއްޗަކަށް ހެއްޔެވެ. ރަށެއްގެ ކަރަންޓު ދިނުމަށްޓަކައި ފެނަކައިގެ އޮފީސް ނުވަތަ އިންޖީނުގެ އިމާރާތް ކުރުމަކީ ތަރައްގީތޯއެވެ. ނުވަތަ ރަށެއްގެ ފުޓްސަލް ދަނޑު ހެދުމަކީ ތަރައްގީތޯއެވެ. ތަރައްގީއަކީ އެރަށެއްގައި ނެތް އަދި ޒަމާނީ އެތައް ކަމެއް އެކުލެވޭ އެއްޗެކެވެ. ވެލި މަގުތަކެއްގައި ތާރު އެޅުމަކީ ތަރައްގީއޭ ބުނެވިދާނެއެވެ. ބިޔަ ބޮޑު މަޝްރޫއުއެއް ފެށުމަކީވެސް ތަރައްގީއެކެވެ. ނަމަވެސް އެއީވެސް ހަމަ ހުސް ކޮންކްރީޓެވެ. ކޮންކްރީޓު އޯކޭ ނުވި ބަޔަކަށް އެފަދަ ތަރައްގީ ގެނައުމަށް ވާނީވެސް ދަތި ކަމަކަށެވެ.

ކޮންމެއަކަސް މިބޭފުޅުން ތަރައްގީގެ މަސައްކަތްތައް ރައްޔިތުންނަށް ދައްކާލާ ހިތުން ކެތް މަދުވެފައި ހުރިކަން އެނގިގެން ދިޔައީ ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލުމުންނެވެ. ވަޒީފާގެ ބިރެއް ނުދައްކާ ރަށަކުން މީހަކު ނުގެނެސް މުޅި ކާނިވާ ސަރަހައްދު ފުރާލީ އިދިކޮޅުގެ ސިޔާސީ ލީޑަރުވެސް ޖަލުގައި އޮއްވައެވެ. މި ސައިޒު ފެނި މިއަދު މިވެރިންނަށް ކޮންކްރީޓު ތަރައްގީ އޯކޭ ވެއްޖެ ނަމަ އަދި ވައްކަންވެސް އޯކޭވާނެ ދުވަހެއް އަންނާނެއެވެ.