Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ސްކޫލް ބަންދުގައި އެކި ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގައިފި

ވެލާނާ އެއާޕޯޓް-

ސްކޫލް ބަންދުގައި އެކި ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން ދާއިރު ކުރިއަށް އޮތް ސްކޫލް ބަންދުގައި ރާއްޖޭން ބޭރަށް ދަތުރު ކުރުމުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫން ނަމަ ލަސް ކުރުމަށް ނުވަތަ ނުދިއުމަށް އެދޭ ކަމަށެވެ.

އަދި ދަތުރު ކުރުމުގެ ކުރިންނާއި ދަތުރު މަތީގަ އާއި އެނބުރި އައުމަށްފަހު އަމަލު ކުރަންޖެހޭ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ދަތުރު ކުރާ ގައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުމާއި، ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރުމާއި،
ދުވަސްވީ މީހުނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތަކުގެ މީހުން ކޮންމެހެން ކުރަންޖެހިގެން ނޫނީ މި ދުވަސްވަރު ދަތުރު ނުކުރުމަށާއި އަދި ދަތުރު ކުރާ ގައުުމުގެ ސަރުކާރުން، ބަލިން ރައްކާތެރިވުމަށް އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި އިރުޝާދުތަކަށް އަހުލުވެރިވުމަށް އެޗްޕީއޭއިިން އިލްތިމާސްކުރެއެވެ.

އަދި ދަތުރުމަތީގައި ހުމާއި ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާ ގާތްވެ ނޫޅުމަށާއި، ގިނައިން ސައިބޯނި ލައިގެން އަތޮދޮވުމާއި ސެނިޓައިޒާ ބޭނުން ކުރުމަށާއި، މޫނާއި ލޮލާއި އަނގަ އަދި ނޭފަތުގައި އަތްނުލުމަށާއި، ކާބޯތަކެތީގެ ތެރެއިން، ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުމަށާއި، ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްހީ މަރުކަޒުތަކަށް ނުދިއުމަށް ވެސް ވަނީ އެދިފައެވެ.

ދަތުރުން އެނބުރި އައުމަށްފަހު އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުން އައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ގޭގައި މަޑުކުރުން އަދި ހޮޓްލައިން 1676 އަށް ގުޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.