Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ވައިރަސްއާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އަޅަނީ

ކޮރޯނާވައިރަހާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

އެމްއެމްސީން މިގޮތަށް ނިންމާފައިވަނީ ވައިރަހާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ފެތުރުމާ ގުޅޭގޮތުން އެ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައެވެ.

އެމްއެމްސީން ބުނީ މި ޖަލްސާގައި ކޮރޯނާވައިރަހުގެ ހަބަރުތައް ފެތުރުމާ ގުޅޭގޮތުން މީޑިއާތަކުގައި ޝާއިރުކުރާ ހަބަރާއި މައުލޫމާތު ގެނެސްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ނިންމުނު ކަމަށެވެ.

އަދި ކޮރޯނާވައިރަހާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށާއި، ވައިރަހާ ގުޅިގެން މީޑިއާތައް ވިލަރެސް ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ވެސް މި ޖަލްސާގައި ނިންމާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.

މީގެއިތުރުން ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވެސް މި ޖަލްސާގައި ނިންމާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.