Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ރާއްޖެއިން އިތުރު ދެ މީހަކު ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގެ ބިސްބުރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން، ފޮޓޯ: މިހާރު

ރާއްޖެއިން އިތުރު ދެ މީހަކު ވައިރަހަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕޮރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އއ.ބަތަލާ އައިލޭންޑު ރިސޯޓުގައި ތިބި ތިން ފަތުރުވެރިއެއް ކޮރޯނާ އަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެރެއިން ދެ މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ޓެސްޓުތަކުން ދައްކާފައިވާ ކަމަށެވެ.

ނަމަވެސް އެމީހުންނާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

އެ ދެ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. މީގެކުރިން މި ބައްޔަށް ރާއްޖެ އިން ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މުވައްޒަފުންނެވެ.

ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.

ރާއްޖެއިން ހަތަރު މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ.

ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.