Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ބަލި ނުޖެހޭނެ ގޮތްގޮތަށް ދިރިއުޅުން ބަދަލުކުރަން ނަޝީދު ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ކޮރޯނާވައިރަހުގެ ސަބަބުން ހާސްވެ، ކަންބޮޑުނުވުމަށާއި އޭގެ ބަދަލުގައި ބަލި ނުޖެހޭނެ ގޮތަށް ދިރިއުޅުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގެ ހެނދުނުގެ ދަންފަޅި މެދުކަނޑާލުމުގެ ކުރިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި ބަލީގެ ކަންކަމުގައި ރައްޔިތުން ކަންބޮޑުވެ، ހާސްވެ އުޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި މި ރޯގާ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެންދާނެ ކަމަށް ކަމާބެހޭ މާހިރުން ޝައްކު ކުރައްވާފައި ނުވާ ކަމަށެވެ.

އަދި މި ބަލި ފެތުރިގެންދާ ދިޔުން ހުއްޓުވުމަށް އާންމު ސިއްހަތުގެ ނިޒާމު ރަނގަޅު ކުރުމުން މިކަމުން އަރައިގަނެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ރަށަކުން މި ބަލި ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެ ރަށުގެ ހެލްތު ސެންޓަރަށް އެމީހަކު ގެންގޮސް އެތަނުން އެމީހަކަށް ފަރުވާ ދިނުމަށާއި އަދި ރަށުގެ ހުރިހާ ރައްޔިތުން ބަލި ނުޖެހޭނެ ގޮތްގޮތަށް ދިރިއުޅުން ބަދަލުކުރުން މުހިއްމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަތްފައި ދޮވުމާއި، ކެއްސާއިރު ބެލުމާއި، އެހެންގޮސް ރޯގާ ނާރާނެހާ ގޮތް ހެދުން" ނަޝީދު ވިދާޅުވިއެވެ.

އަރިދަފުސް ރޯގާ އާއި ލޮލު ރޯގާ ފަދަ ބަލިތަކަކީ ރާއްޖޭގައި ބާރުމިނެއްގައި ފެތުރޭ ބަލިތަކެއް ކަމަށާއި، ބައްޔެއް ޖެހިއްޖެނަމަ ގޭގައި ތިބުމުގެ ބަދަލުގައި ފަރުވާ ހޯދައި، އެ ބައްޔަކުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ކުރުން މުހިއްމުކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ކޮރޯނާވައިރަހަށް ރާއްޖެ އިން މިހާތަނަށް ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.