Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ދެއްކޭ ވާހަކައަކުން ސަރުކާރުގެ މަސައްކަތަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާނުލާ!

ހެލްތު މިނިސްޓަރު އަމީން އަދި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު --

ރާއްޖެއަކީ އަބަދުވެސް ދިމާވާ ކާރިސާތަކުގައި ނަމޫނާ ދައްކަމުން ގެންދާ ބަޔަކު ދިރިއުޅޭ ގައުމެކެވެ. އެއްބައިވަންތަ ކަމުގެ ރިވެތި މިސާލުން މިސާލު ނެގިފައިވާ މި ކުޑަ ކުޑަ ދިވެހިރާއްޖެއިން ވެސް މިއަދު ވަނީ ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮވިޑް-19 ފެނިފައެވެ. މިހާތަނަށް 6 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ. އަދިވެސް ބަލަންޖެހޭ ބެލުންތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އެންމެ މުހިއްމު ވާނީ އެއީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެ ސަރުކާރަކަށް އެއްބާރުލުން ދިނުމެވެ. އަދި އެއީ ކޮންމެ ޕާޓީއެއްގެ ސްލޮޓެއްގައި ހުރި މިނިސްޓަރެއް ކަމަށްވީ ނަމަވެސް އެ މަސައްކަތުގައި އުޅުއްވާ މިނިސްޓަރުންނާއި އަދިވެސް އެހެން ބޭފުޅުންނަށް އެއްބާރުލުން ދިނުމެވެ.

ރައްޔިތުން މިއަދު މިއުޅެނީ ހާސް ނުވާށޭ ބުނި ނަމަވެސް ހާސް ކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ ރަށެއްގައި ހުންނަ މަންމައާ ބައްޕަ މާލެއާ މާލެއިން ބޭރު އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެ މީހުންގެ ދަރިންނަށް ގުޅާ ރައްކާތެރިވުމަށް ބުނަމުން އަންނަނީ ހާސްކަމާއި އެކީގައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ބުނަމުން ދަނީ ކޮންމެހެން ދައުލަތުގެ އިސްވެރިންނަށް އިތުބާރު ކުރާތީއެއް ނޫނެވެ. މިއަދު އެ ނޫން ގޮތެއް ވެސް ނެތީއެވެ. ހަމަގައިމުވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކެއް ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުންނަކަށް އިތުބާރެއް ނުކުރާނެއެވެ. ނަމަވެސް ދަނޑިވަޅަކީ އިތުބާރާއި ގުޅުންހުރި ކަމެއް ނޫނެވެ. ދަނޑިވަޅަކީ ގައުމީ ކަމެކެވެ. އެހެންކަމުން މިއީ އެކަކު އަނެކެއްގެ ނެތި ވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ.

ނަމަވެސް ސިޔާސީ މީހުން އެންމެ ގިނަ ރައްޔިތުންގެ މަޖިލިސް ތެރެއިން ފެންނަނީ ހިތާމަހުރި މަންޒަރުތަކެކެވެ. އަޑު އިވެނީ މިދަނޑިވަޅުގައި ފާޅުކުރަން ނުޖެހޭ ޒާތުގެ ހިޔާލުތަކުގެ އަޑުތަކެވެ.

މިއީ ރައްޔިތުންގެ ލޯބި ލިބެންޖެހޭ މަގާމެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. ދައުލަތުގެ އިސް އެތައް މަގާމެއް ފުރުއްވާފައިވާ އަދި ދައުލަތުގެ ސިއްރު މައުލޫމާތުތައްވެސް ކުރިން އެނގިލައްވާނެ ފަދަ މަގާމެއްގައި ހުންނެވުމަށްފަހު މިއަދު އެ ހުންނެވީ ރައްޔިތުން މަޖިލީހުގެ މެންބަރަކަށެވެ. އެތައް ހާސް ރައްޔިތުންގެ ހާދިމަކަށެވެ. ރައްޔިތުން މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފުއެވެ. އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ މި ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާއިން ފާހަގަވެގެން ދިޔައީ ހަސަން އަފީފު އާދަޔާ ހިލާފަށް ހެލްތު މިނިސްޓަރާއި ޖައްސަލައިގެން އުޅޭ ކަމެވެ. މެންބަރު ހަސަން އަފީފު ގަބޫލުކުރައްވާ ގޮތުގައި ހެލްތު މިނިސްޓަރު އަމީނަކީ ގާބިލު ބޭފުޅެއް ނޫނެވެ.

މާޗް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ކޮވިޑް-19 ވައިރަސްއާ ގުޅިގެން، ރާއްޖެ އަށް ކާޑުގެ ދަތިކަން ފޯރަފާނެތީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ވަމުން އަންނަ ތައްޔާރީތަކަށް ދިމާވެފައިވާ ހަމައެކަނި ދައްޗަކީ އަމީން ކަމަށެވެ.

"އެއާޕޯޓް އެރައިވަލްގައި މި ސަރަހައްދުން ވެސް އެންމެ ފުރިހަމައަށް ކެމެރާ ހަރު ކޮށްގެން ތައްޔާރަށް ތިބި ގައުމަކީ މި ރާއްޖެ، އަވަށްޓެރި ސްރީލަންކާގައި ވެސް ހުރީ ދެ ކެމެރާ، މި ރާއްޖޭގައި އެބަ ގެންގުޅޭ 10 ކެމެރާ. ބޮޑެތި ކެމެރާތަކުގެ ހަ ކެމެރާ ވަނީ ހަރުކޮށްފައި،" އަފީފް ވިދާޅުވިއެވެ.

ރުކާރަށް ތައުރީފް ކުރެއްވުމަށް ފަހު އަފީފް ދެން ވިދާޅުވީ ސަރުކާރުން ވަމުންދާ ތައްޔާރީގައި ދަތި ކަމެއް އަންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީން އަންނަ ދަތި ކަމެއް ކަމަށެވެ. އެއީ ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އަމީން ސަރުކާރަށް ޖެއްސުން ކުރަމުން ދާތީ ދިމާވާ ދަތި ކަމެއް ކަމަށް ވިދާޅުވިއެވެ.

"މި ކަމަށް އަންނަ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓްރީން އަންނަ ދަައްޗެއް، އެއީ ޖުމްހޫރީ ޕާޓީގެ ވަޒީރަކު އެ ތަނުގައި އިންނަވާތީ ޖެއްސުން ކުރަނީ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވަނީ ހެލްތު މިނިސްޓްރީން ކުރަމުން އަންނަ ކަންކަން ގާތުން ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މިނިސްޓަރު އަމަލު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާ ގޮތަށް ކަން ސާފުވާން ޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

އޭގެ ފަސް ވަރަަކަށް ދުވަސް ފަހުން އިއްޔެ ބޭއްވި ޖަލްސާގައިވެސް އަފީފް ވަނީ ހަމަ ހެލްތު މިނިސްޓަރަށް މިފަދަ މޭރުމުން ވާހަކަދައްކަވާފައެވެ. ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަކަށް މަޖިލީހުގައި ބަހުސްކުރައްވަމުން މެމްބަރު އަފީފް މި ސަރުކާރުގެ މިނިސްޓަރެއް ކަމުގައި ވީނަމަވެސް، ގޯސްކޮށް ކަމެއް ކުރާނަމަ އެވާހަކަ ދައްކާނެ ކަމަށާއި އެކަން ބަލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސީދާ ހެލްތު މިނިސްޓަރު އަމީން ގޯސްކޮށް ކުރެއްވީ ކޮން ކަމެއްކަން އަފީފް ވިދާޅެއްނުވެއެވެ. ވިދާޅުވަނީ އެ ހުރިހާ އެއްޗެއް ވެސް އަފީފަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ފަހުރުވެރި ކަމާއެކު ހެލްތު މިނިސްޓަރު އެބަ ވިދާޅުވޭ އެއާޕޯޓުތަކުގައި ކެމެރާ އެހެރީ ހަރުކޮށްފައޭ. އެކަމަކު އެމަނިކުފާނު މިތަނަށް ކެމެރާ ގެނައުން ލަސްކުރަން މަސައްކަތް ކުރައްވާފައި އޮތީ ފުރަތަމަ އެކަންތައް ފެށި އިރު،" އަފީފް ވިދާޅުވިއެވެ.

ސުވާލަކީ މިއީ މިފަދަ ވާހަކަތައް ދެއްކުން އެންމެ އައުލާކަން ބޮޑު ދުވަސްވަރުތޯއެވެ. ކޮންމެއަކަސް އަފީފުގެ މި ވާހަކަތަކުން އެކަނިވެސް ރައްޔިތުންގެ ހިތުގައި ސަރުކާރުން ކުރަމުން ގެންދާ ބުރަ މަސައްކަތާއި މެދު ސުވާލުތައް އުފެދޭނެއެވެ. ސަރުކާރުގެ ވެރިން ހަމަ ނިދި ނަގާލުމަށްފަހު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދިގެން ދާނެއެވެ.

"އައްޑޫލައިވް" އާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު އަމީނަކީ ހެލްތުގެ ދާއިރާއިން މާބޮޑު ތައުލީމެއް ނެތް ބޭފުޅެއް ކަމަށްވީ ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމައެކަނި އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅަށް އަންނަ ގޮތަށް ނޫން ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާ އިރުޝާދުތަކުގެ އަލީގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މަޖިލިސް މެންބަރުންގެ ކިބައިންވެސް ސަރުކާރު ބޭނުން ވަނީ ކުރާ މަސައްކަތުގައި އެއްބާރުލުން ލިބުމެވެ. ރައްޔިތުންގެ ހިތްތަކުގައި ވަޒީރުންނާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން އެއްކައިރި ކުރުމަށްފަހު ސަރުކާރަށް ވެސް މެންބަރުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަ ދައްކަވާނެ. ބަޓް ދިސް އިސް ނޮޓް ދަ ރައިޓް ޓައިމް. މިއީ އެންމެންވެސް އެއްބައިވެ ގައުމީ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ކުރަންވީ ވަގުތު. އަޅުގަނޑަކީ އެއްވެސް ޕޮލިޓިކަލް މީހެއް ނޫން ޓެކްނިކަލް މީހެއް. އެކަމަކު އައި ރިއަލީ އެޕްރިޝިއޭޓު އިދިކޮޅު ޕާޓީން ކަންކުރަމުން އަންނަ ގޮތް، އެއްބާރުލުން ދޭން ތިބީ ތައްޔާރަށް، ޒިންމާދާރު ކުރުވުމަށްވެސް އަންނަނީ މަސައްކަތް ކުރަމުން. މިއީ ދެއްތޯ ސިޔާސީ ބޭފުޅުންވެސް ކަންކުރަންވީ ގޮތަކީ. ސަރުކާރަށް ނިސްބަތްވާ ބޭފުޅުން އެފަދަ ގޮތަށް ކަންކުރެއްވީމަ ޕިކްޗާ އެ ދެއްކެނީ ވަރަށް ހުތުރުކޮށް،" އޮފިޝަލް ވިދާޅުވިއެވެ.

ކޮންމެއަކަސް މިއީ ރާއްޖެއަށް ނާޒުކު ދަނޑިވަޅެކެވެ. ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ސިޔާސީ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން މި ދަނޑިވަޅުގައި ބޭނުންވާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނީ ހަމައެކަނި "ފޭކް ނިއުސް"ތަކުން އެކަންޏެއް ނޫނެވެ. ވަޒީރުންނާއި ގުޅޭ ގޮތުންވެސް ދައްކަވާ ވާހަކަތަކުން ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި އިތުރަށް ރައްޔިތުން ބިރުވެރިކަމަކަށް ދިއުމަކީ ވެސް ނެތް ކަމެއް ނޫނެވެ. ސިޔާސީ ޒާތީ ހަސަދައެއް އޮތް ނަމަވެސް މި ދަނޑިވަޅުގައި އެކަން އެއްކައިރި ކުރުމަށްފަހު މިއީ އަތުގުޅާލަންވީ ވަގުތެވެ.