Last Updated: April 16, 23:13
Tuesday, April 16, 2024
ކުޅިވަރު

ޓީސީގެ ކުޅުންތެރިން ލަންކާގައި ކަރަންޓީނު ކުރަނީ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗެއް ކުޅުމަށް ބަންގްލަދޭޝްގައި މިވަގުތު ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ރާއްޖެ އަންނާނީ ސްރީލަންކާގައި ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވީ އެ ކުޅުންތެރިން ރާއްޖެ އަންނާނީ ލަންކާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

"ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް އެބޭފުޅުންނާ ކޮންޓެކްޓް ކުރައްވާފައިވާކަން އަޅުގަނޑަށް އެބަ އިނގޭ. ސްރީ ލަންކާގައި އެކުޅުންތެރިން 14 ދުވަހުގެ ޕީރިއަޑެއް ހަމަކޮށްފަ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައި އޮތީ" މަބްރޫކް ވިދާޅުވިއެވެ.

ބަންގްލަދޭޝް އިން މީހުން ރާއްޖެ އައުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން ވެސް ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމާ ގުޅޭ ކަންކަން މިހާރު ހަމަޖައްސަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އެގައުމުގައި ތިބި ދިވެހިން ވެސް ރާއްޖެ އައުމާއެކު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.