Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

އެތްލެޓިކޯ އިން ލިވަޕޫލް ކަޓުވާލައިފި

3-2 އިން ލިވަޕޫލް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އެތްލެޓިކޯ އިން ކަމަށްވާއިރު އެޓީމު ކުއާޓާ އަށް ދަތުރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުން ކަމަށްވާއިރު، މެޗުގެ 43 ވަނަ މިނެޓްގައި ވައިނަލްޑަމް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ދެވަނަ ހާފްގައި ވެސް ލިވަޕޫލުން އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު، އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އެތްލެޓިކޯގެ ކީޕަރު އޮބްލަކްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެގްރިގޭޓް ނަތީޖާއިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން މާކަސް ލޮރެންޓޭ ވަނީ އެތްލެޓިކޯ އަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

އަދި އެ ހާފްގެ ފަހު މިނެޓްގައި ލޮރެންޓޭ ވަނީ ހިތްގައިމު ގޯލަކާއެކު އެތްލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލާއެކު މުބާރާތުގެ ކުއާޓާ އަށް ދިޔުމަށް ލިވަޕޫލުން ދެ ގޯލު ކާމިޔާބުކުރަން މަޖުބޫރުވެފައިވުމުން އެޓީމުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލުން ކުރިއަށް ޖެހިފައި ތިބުމުގެ ފައިދާ ނަގައި މެޗުގެ ފަހު މިނެޓްގައި އެތްލެޓިކޯ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އަލްވަރޯ މޮރާޓާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ.

މިއީ 43 މެޗަށްފަހު ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅެ އެޓީމު މެޗަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ 2016 ވަނަ އަހަރަށްފަހު މުބާރާތުގެ ކުއާޓާ އަށް ނުގޮސް ލިވަޕޫލް ކެޓި ފުރަތަމަ ފަހަރުވެސް މެއެވެ.

ލިވަޕޫލް އަކީ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ވެސް މެއެވެ.