Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

އަލީ ވަހީދު: ހިކުމަތްތެރިކަމާއި އެކު ފަތުރުވެރިކަން ކޮޅަށް ޖެހުމަށް އަތުކުރި އޮޅާލައިގެން!

ޅަ އުމުރުގައި ސިޔާސީ މައިދާނަށް ނިކުމެވަޑައިގެން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ރައީސް މައުމޫނާއި އެކު ޑީއާރުޕީން ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެން ޑީއާރުޕީގެ އަސްލު އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވަމުން ދިޔައީ ކުޅަދާނަ ކަމާއި ބަސް މޮށުން ތެރި ކަމާއި އެކުއެވެ. އެއީ އެދުވަސްވަރު މަޖްލިސްގައި ހުންނެވި "ދޫހެލޭ" އަދި އެންމެ "އަޑުގަދަ" މެންބަރެވެ. ޖާނުންވެސް އެންމެ "ބޮޑު" މެންބަރަކީ އޭރު މި މެމްބަރެވެ. މައުމޫންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެންސްތަކާއި ރައްޔިތުންގެ މަޖިލީހުގެ ފްލޯ ހިފަހައްޓަމުން ދިޔައީ ކުޅަދާނަ ކަމާއި އެކުއެވެ.

އއ. ތޮއްޑޫއަށް އުފަން އަލީ ވަހީދުއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ނުފޫު ގަދަ އެއް ސިޔާސީ ލީޑަރޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް ސިޔާސީގޮތުން ރާއްޖޭގެ މަސްރަހު އެންމެ ފޯރިގަދަވި ހިސާބުން "ބޫން" ލާފައި އައިސް އަލީ ވަހީދު ގުޅިވަޑައިގަތީ އެމްޑީޕީ އާއިއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާސިލްވެ ޕާޓީ ހިންގުމުގެ އެންމެ އިސް ސަފަށް ނިކުމެވަޑައިގަތެވެ.

އަލީ ވަހީދު އެމްޑީޕީގެ ޖަލްސާއެއްގައި ނަޝީދާއެކު: ފޮޓޯ – ހަވީރު އޮންލައިން

ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިކުތް 2015 އަހަރުގެ މޭއި ޑޭ މުޒާހަރާގެ އިންތިޒާމް ކުރުމުގެ އެއް މޭސްތިރިއަކީ އަލީ ވަހީދެވެ. އެ މުޒާހަރާއަށް ފަހު އައި ފިއްތުން ތަކުގައި ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ވަޑައިގެން ރާއްޖެއިން ބޭރުގައި ހުންނަވައި ދިވެހިންނަށް ގެއްލެމުން ދިޔަ ހައްގުތައް ހޯދުމަށް މަސައްކަތް ކުރެއްވިއެވެ.

2018 ވަނަ އަހަރު އަނިޔާވެރިޔާ ޔާމީންގެ ވެރިއެއްގެ ތާޖު ރައްޔިތުން ނިކުމެ ހޫރާލުމާއި އެކު އުފަން ފަސްގަނޑަށް ވަޑައިގެންނެވީ އުއްމީދުގައެވެ. ތޭރިތަކުގެ ތެރެއަށް ވެސް ދިޔައީ ރައްޔިތުންގެ ހައްގުގައެވެ. އެނބުރި ވަޑައިގަތީވެސް ރައްޔިތުންގެ ހައްގުގައި ގައުމަށް އިހުލާސްތެރި ހެޔޮ މަސައްކަތްތަކެއް ކޮށްދެއްވުމުގެ ފޮނު އުއްމީދުގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ހުވާ ކުރައްވާ އެކުލަވާލި ކެބިނެޓުގެ އެންމެ ޒުވާން ދެ ވަޒީރުންގެ ތެރޭގައި މި ބޭފުޅާ ހިމެނިވަޑައިގަތެވެ. އިތުރަށް ބުނަން ނުޖެހޭ ވަރަށް މި ރިޕޯޓުގައި ކިޔުންތެރިންނަށް އެއީ ކޮން ވަޒީރެއްކަން މިހާރު އެނގިގެންދާނެއެވެ. އެއީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި ޒުވާން މިނިސްޓަރު އަދި ހިންގުންތެރި މިނިސްޓަރު އަލީ ވަހީދެވެ.

އަލީ ވަހީދު އެ މަގާމަށް އައްޔަން ކުރެއްވުމުން ވެސް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އޭނާ އަކީ އެއް އިރެއްގައިވެސް މީހަކު ކިޔާފާނެ އެއްޗަކަށް ބަލައިގެން ސިޔާސީ މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގިގެން ދިޔައީ ޑީއާރްޕީ ދޫކޮށްލެއްވުމަށްފަހު އެމްޑީޕީއަށް ސޮއި ކުރެއްވި ހިސާބުންނެވެ. އެހެންކަމުން ވަޒީރު ކަމުގެ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގަތީ ވިޔަފާރިވެރިންގެ އަތުން ރިސޯޓުތަކާއި ފަޅުރަށްތައް ވިއްކައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނާއިބު ރައީސް އަހުމަދު އަދީބު ކަން ކުރެއްވި ގޮތަށް ތިމާގެ އަންބޮނޑި ބޮޑު ކުރާކަށް ނޫނެވެ. މަސައްކަތް ފެށީ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެނައުމަށެވެ. އެކަން ކުރައްވަމުން ގޮސް ރާއްޖޭގެ އިޝްތިހާރުތައް ނުޖަހާކަށް ތަނެއް ނެތެވެ. ދުނިޔޭގެ ނަން މަޝްހޫރު ކްލަބުތަކުގެ ޖާޒީގައިވެސް ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރު ކުރެއްވިއެވެ.

ނަމަވެސް އެ މަސައްކަތަށް އެމަނިކުފާނަށް ހުރަސް އެޅިގެން ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ކޮވިޑް19 ވައިރަހެވެ. ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅު ތޫނުކަން އެނގިގެން ދިޔައީ މި ބައްޔަށް ފުރަތަމަވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެކުގައި ހަނގުރާމަ ކުރަން ނިކުމެ ނޫސްވެރިންގެ ސުވާލުތަކަށް ދެއްވަމުން ގެންދެވި ވަރުގަދަ ޖަވާބުތަކުންނެވެ. އިސާހިތަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުން ފުޅާއި އިރުޝާދާއި އެކުގައި އަލީ ވަހީދުގެ މަސައްކަތުގެ ގިއަރު އިހުނަށްވުރެ ބާރު ކޮށްލެއްވިއެވެ. އެތައް ރެއެއްގެ ނިދި ނަގާލުމަށްފަހު ރައްޔިތުންނަށްޓަކައި ގައުމަށްޓަކައި މަސައްކަތް ފެށީ ކޮވިޑް19 ރާއްޖެއަށް އަންނާނެކަން އެނގު ހުރެއެވެ.

އޭރުވެސް އަލީ ވަހީދު ވިދާޅުވަމުން ގެންދެވި އެއް ވާހަކައެއް އަދިވެސް ހަނދާންވެއެވެ.

"އެއްވެސް ރައްޔިތަކު ބިރު ގަންނާނެ ކަމެއް ނެތް، ކަންބޮޑުވާނެ ކަމެއް ނެތް، މި ބަލި ރާއްޖެއަށް އައި ނަމަވެސް އަޅުގަނޑުމެން މިތިބީ މި ބައްޔަށް ފައިޓު ކުރަން ތައްޔާރަށް ސަރުކާރު އޮތީ މިކަމުގައި ރައްޔިތުންނަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ރައްޔިތުންގެ ސަލާމަތާއި ފަތުރުވެރިންގެ ސަލާމަތަށްޓަކައި ކުރުމަށް ތައްޔާރަށް،"

އަލީ ވަހީދު ވިދާޅުވިއެވެ. ހިތާމައަކީ ކޮންމެ ސަރުކާރެއްގައިވެސް މިފަދަ ހީވާގީ މިނިސްޓަރުންގެ އަގު ވައްޓާލުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރެވޭ ކަމެވެ.

ރައީސް ސޯލިހުގެ އިރުޝާދާއި އެކުގައި މަސައްކަތް ކުރަމުން އަންނަ ޓީމުގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލީ ވަހީދަށް ކޮވިޑް19 އަކީ ބޮޑު ގޮންޖެހުމެކެވެ. އެމަނިކުފާނަށް ރައީސް ސޯލިހު ހަވާލު ކުރައްވާފައިވާ މަސައްކަތަކީ އުނދަގޫ އަދި ދަތިވެސް މަސައްކަތެކެވެ. ނަމަވެސް އަލީ ވަހީދު ވަރަށް "ކޫލް"އެވެ. މި އަޑިގަނޑުން އަރައިގަތުމަށް އަލީ ވަހީދުގެ އުއްމީދީ ވިސްނުމެއް އެބައޮތެވެ. ޕްލޭނެއް އެބައޮތެވެ.

"އަޅުގަނޑުމެންނަށް އެންމެ މުހިއްމީ ރައްޔިތުން. އެއަށްފަހު އަޅުގަނޑުމެންނަށް އިކޮނޮމީ ނުވަތަ އިގްތިސޯދުވެސް މުހިއްމުވާނީ. އެކަމަކު އިގްތިސޯދާއި ގުޅޭ ގޮތުންވެސް އަޅުގަނޑު ދަންނަވާލަން، މި ސަރުކާރުން އިގްތިސޯދު ކުރިއަރުވާނެ ގޮތްތައް ހޯދަމުން މިދަނީ، އަދި އިރާދަކުރެއްވިއްޔާ ފަތުރުވެރިކަންވެސް އިތުރަށް އިޝްތީހާރު ކޮށްގެން އަޅުގަނޑުމެން މި އަޑިގަނޑުން އަރައިގަންނާނަން،"

އަލީ ވަހީދު މީގެކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

ކޮންމެއަކަސް މިއީ ހީވާގީ ވަޒީރެކެވެ. އެމަނިކުފާނަކީ އަބުއި ކަމެއް ނެތި އެންމެ އާދައިގެ މީހާއާ އެކުގައިވެސް އުޅެން އެނގޭ ވަޒީރެކެވެ. އަދި ހަމައެއާއެކުގައި އެމަނިކުފާނަކީ ރައްޔިތުންގެ ހާދިމެއް ކަމާއި ރައްޔިތުންނަށް ދިމާވާ މިފަދަ ނުރައްކާތެރި ހުތޫރަތްތެރި ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުމަކީ އެމަނިކުފާނު ވާޖިބެއްކަން ދަނެގެން މަސައްކަތް ކުރައްވާ ވަޒީރެކެވެ.