Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

އާސެނަލްގެ ކޯޗު އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އާސެނަލް އިން ނެރުނު ބަޔާނެއްގައި ބުނީ އާޓެޓާގެ ޓެސްޓުގެ ނަތީޖާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މިރޭ ކަމަށާއި އެއާއެކު ކްލަބުގެ ފަރިތަކުރުންތައް ކުރިއަށްގެންދާތަން ބަންދުކޮށް ފާއިތުވި ދުވަސްތަކުގައި އާޓެޓާއާ ކޮންޓެކްޓުވި ކްލަބުގެ ސްޓާފުން ސެލްފް އައިސޮލޭޝަނަށް ދިޔުމަށް އަންގާފައިވާ ކަމަށެވެ.

އަދި ފާއިތުވި ދުވަސްތަކުގައި އާޓެޓާއާ ކޮންޓެކްޓުވި އިތުރު މީހުން ވެސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އާސެނަލް އިން ބުނެއެވެ.

މިކަމާ ގުޅިގެން އާޓެޓާ އާސެނަލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނީ ޓެސްޓު ހެދީ ބަލިކޮށް އުޅޭތީ ކަމަށާއި ހުއްދަ ދިނުމާއެކު އަލުން އެނބުރި މަސައްކަތަށް ނިކުންނާނެ ކަމަށެވެ.

އާޓެޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ޕްރިމިއާ ލީގުގައި ކުޅެން ހުރި މެޗުތަކާ މެދު ގޮތެއް ނިންމުމަށް މާދަމާގެ ވަގުތެއްގައި ކްލަބުތަކާއެކު އިމެޖެންސީ ބައްދަލުވުމެއް ބާއްވަން ޕްރިމިއާ ލީގުން މިހާރު ވަނީ ނިންމާފައެވެ.

އާޓެޓާ މި ބައްޔަށް ޕޮޒިޓިވްވިއިރު މި ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމާ ގުޅިގެން ލެސްޓަަ ސިޓީގެ ތިން ކުޅުންތެރިއަކު ވެސް ވަނީ ސެލްފް އައިސޮލޭޝަނަށް ގޮސްފައެވެ.