Last Updated: April 24, 20:49
Wednesday, April 24, 2024
ކުޅިވަރު

ޕްރިމިއާ ލީގު ތިން ހަފްތާއަށް މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން ޕްރިމިއާ ލީގުގެ ކުޅުން ތިން ހަފްތާ އަށް މެދުކަނޑާލަން ނިންމައިފިއެވެ.

ޕްރިމިއާ ލީގުގެ ކުޅުން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް މެދުކަނޑާލަން ނިންމީ ކްލަބުތަކާއެކު މިއަދު ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހުއެވެ.

ޕްރިމިއާ ލީގުން ބުނީ ލީގުގެ ކުޅުން މިހާރު ކަނޑައެޅިފައިވާ ތާރީހަށް ފެށުމުގެ ކުރިން ސިއްހީ ފަރާތްތަކުގެ ލަފަޔާއި އަދި ހާލަތަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި އަމާޒަކީ ރައްކާތެރި މާހައުލެއް ކަށަވަރުވުމުން ބާކީ ހުރި މެޗުތައް ކުޅެ ނިންމުން ކަމަށްވެސް ޕްރިމިއާ ލީގުން ބުނެއެވެ.

ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލަން ނިންމިއިރު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ކަލަމް ހަޑްސަން އޮޑޯއި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މި ބައްޔާއި ގުޅިގެން ޔޫރަޕްގެ ބޮޑެތި ބައެއް އެހެން ގައުމުތަކުގެ ލީގުތަކުގެ ކުޅުން ވެސް މެދުކަނޑާލާފައިވާއިރު، އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތައި މެދު ގޮތެއް ނިންމުމަށް އަންނަ ހަފްތާގައި ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.