Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކުރަން ގޮވާލައިފި

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކުރަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައިފިއެވެ.

މެމްބަރު ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު އެއް އަހަރަށް ފަސްކޮށް، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އެއް އަހަރަށް އިތުރުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި މިވަގުތު އާންމުންގެ ސިއްހަތަށް ވުރެ މުހިއްމު ކަމެއް ނެތް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު މިހެން ވިދާޅުވިއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކައުންސިލް އިންތިހާބު މިހާރު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މި ތާރީހު ދެން އިތުރަށް ފަސްކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރަން ނިންމީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން ކަމަށެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފިނަމަ، އަދި އިންތިހާބު މިހާރު ބާއްވަން ނިންމާފައިވާ ތާރީހު އެ މުއްދަތުގެ ތެރެއަށް ވަންނަނަމަ، ކޯޓަށް ގޮސްގެން އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބުގެ ވޯޓުލުން ފަސްކުރިނަމަވެސް އިންތިހާބަށް ވަމުންދާ ތައްޔާރީތައް ހުއްޓާނުލައި ކުރިއަށްދާ ކަމަށާއި އަދި އިންތިހާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިހާރު ހަމައެކަނި ނުވެ ހުރީ ވޯޓް ކަރުދާސް ޗާޕް ކުރުން އެކަނި ކަމަށް ޝަރީފް ވިދާޅުވިއެވެ.