Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އިންތިހާބު އިތުރަށް ކުރިއަށް ގެންދާނެ ގޮތް އީސީން މިއަދު އިއުލާންކުރަނީ

ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބުގެ ކަންކަން އިތުރަށް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން މިއަދު އިއުލާން ކުރާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އިތުރަށް ކުރިއަށް ގެންދާނެ ގޮތާ މެދު އެ ކޮމިޝަނުން ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެކަމާ މެދު އެ ކޮމިޝަނުގެ ނިންމުން މިއަދު އިއުލާންކުރާނެ ކަމަށާއި އަދި ހާލަތު ބަދަލުކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކައުންސިލް އިންތިހާބު މިހާރު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މި ތާރީހު ދެން އިތުރަށް ފަސްކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރަން ނިންމީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން ކަމަށެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފިނަމަ، އަދި އިންތިހާބު މިހާރު ބާއްވަން ނިންމާފައިވާ ތާރީހު އެ މުއްދަތުގެ ތެރެއަށް ވަންނަނަމަ، ކޯޓަށް ގޮސްގެން އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.