Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިންތިހާބު ފަސް ކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް -- ފޮޓޯ / މިހާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފިއެވެ.

އެ ކޮމިޝަނުން ބުނީ އެ މައްސަލަ ނަގަން ނިންމީ، ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އިންތިހާބު ލަސްކުރުމަށް، ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީގެކުރިން ވިދާޅުވި ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް އިންތިހާބުގައި ވޯޓުލުން ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވީ ނަމަވެސް ޝަރީފް ވިދާޅުވި ގޮތުގައި މީގެކުރިން އިންތިހާބާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އެއްވެސް މަރުހަލާއެއް ބާތިލެއް ނުވާނެއެވެ. އަދި އެ މަރުހަލާތައް އަލުން އިންތިހާބާ ގުޅިގެން ކުރިއަށް ގެންދަން ވެސް ނިންމާފައެއް ނުވެ އެވެ. އޭރަށް އިތުރު ހަރަދުތަކެއް ނުހިނގާނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބު އަންނަ މަހުގެ 18ވަނަ ދުވަހަށް ބޭއްވުމަށް ނިންމާފައެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ސަރުކާރުން ވަނީ 30 ދުވަހަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.