Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ރޯގާގެ އަލާމާތް ފެންނަނަމަ ބަސް އަދި ފެރީ ބޭނުން ނުކުރަން އަންގައިފި

ބަޔަކު ފެރީއަށް އަރާ ހަދަނީ: ފޮޓޯ - ވީނިއުސް

ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ބަސް އަދި ފެރީ އިން ދަތުރު ނުކުރުމަށް މޯލްޑިވް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެމްޕީއެލްއިން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން އެމްޕީއެލް އިން އަންނަނީ އެކުންފުނިން މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތަކާއި، ދެކުނުގައި ދުއްވާ ފެރީތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި ބަހާއި ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން އިތުރަށް ސަމާލުވެ، އެއްވެސް އަރިދަފުސް ރޯގާއެއްގެ އަލާމާތެއް ހުރި ނަމަ ބަހުގެ ވެސް އަދި ފެރީގެ ވެސް ދަތުރު ނުކުރުމަށް ޝާހިދު ވިދާޅުވި އެވެ.

ހަމައެއާއެކު ބަސް ސްޓޮޕްތަކުގައި ގާއިމުކޮށްފައިވާ އަތް ދޮވުމުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ވީހާވެސް ރައްކާތެރި ކަމާއެކު ދަތުރުފަތުރު ކުރުމަށާއި ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބަސް ދަތުރުވެސް އަދި ފެރީ ދަތުރުވެސް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.